ލިވަޕޫލްގެ އާ ކޯޗު އާނޭ ސްލޮޓްގެ ބެލުމުގެ ދަށުން އެޓީމުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އިޕްސުވިޗް ޓައުންއާ ވާދަކޮށް މޮޅުވެއްޖެއެވެ.
މި ސީޒަންގެ ލީގުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. މިދިޔަ ސީޒަންގައި ނެދެލޭންޑްސްގެ ފަޔަނޯޑްގެ ކޯޗުކަން ކުރި ސްލޮޓް ލިވަޕޫލާ ހަވާލުވީ 8 ވޭތުވެދިޔަ 8 އަހަރު ލިވަޕޫލްގެ ކޯޗުކަން ކުރި ޔާގަން ކްލޮޕް މިދިޔަ ސީޒަން ނިމުނު އިރު އެމަގާމުން ދުރަށް ދިއުމުންނެވެ.
ލިވަޕޫލަކީ ސީޒަން ފެށުނު އިރު އެއްވެސް އާ ކުޅުންތެރިއަކު ނުގަންނަ ހަމައެކަނި ޓީމަށް ވީ އިރު މިމެޗުގެ ފުރަތަމަ ހާފްގައި މިސީޒަންގައި އަލަށް ލީގަށް ޕްރޮމޯޓްވީ އިޕްސުވިޗާ ދެކޮޅަށް އެޓީމަށް މާމޮޅު ކުޅުމެއް ނުދެއްކުނެވެ.
ބަދަލުގައި މެޗުގެ ފުރަަތަމަ ހާފްގައި ލަނޑު ޖަހާނެ ނުރައްކާތެރި ފުރުސަތުތައް ލިބުނީ އިޕްސުވިޗަށެވެ. އެހެން ނަމަވެސް ދެޓީމަށް ވެސް ލަނޑެއް ނުޖެހި ފުރަތަމަ ހާފް 0-0 އެއްވަރުވެގެން ނިމުނު އިރު ދެވަނަ ހާފްގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ.
އަދި މެޗުގެ 60 ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ފޯވަޑް މުހައްމަދު ސަލާހްގެ ޕާހަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށް ދިނީ ޑިއޭގޯ ޖޮޓާއެވެ.
އޭނގެ 5 މިނެޓް ފަހުން ލިވަޕޫލުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ސަލާހުއެވެ. މި ލަނޑާއެކު ސަލާހް ވަނީ އާ ރިކޯޑެއް ވެސް ހަދާފައެވެ. މިގޮތުން ސަލާހްއަކީ ސީޒަންގެ ފުރަތަމަ މެޗުތަކުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މި ގޮތުން 2017 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ސަލާހް މިވަނީި ސީޒަންގެ ފުރަތަމަ މެޗުތަކުގައި ޖުމްލަ 9 ލަނޑު ޖަހާފައެވެ.
ސަލާހްގެ ލަނޑަށް ފަހު ވެސް ލީޑު ފުޅާ ކުރާނެ ފުރުސަތުތައް ލިވަޕޫލަށް ލިބުނެވެ. އެހެން ނަމަވެސް އެފުރުސަތުތައް ނުނެގި މެޗު ނިމުނީ 2-0 އިން ލިވަޕޫލް މޮޅުވެގެންނެވެ.
މިމެޗުން މޮޅުވެ ލިވަޕޫލް މިވަނީ ލީގު ތާވަލުގެ 1 ވަނަ އަށް އަރާފައެވެ. މިރޭ ކުރިއަށް ވެސް ގިނަ މެޗުތައް އެބަހުއްޓެވެ.