ގާލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިވަރުންތަކެއް ބިނާވެގެންދިއުމަކީ ގައުމަށް ވަރަށް ބޭނުންތެރިކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ރޭ ސަލާހުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ގާލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ އާއިލާތަކާއި މުޖުތަމައަށް އަދި މުޅި ގައުމަށްވެސް ކުރާނެކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މި ކޭމްޕަކީ އެކި ގައުމުތަކުން ބައިވެރިވާ ބައިނަލްއަޤްވާމީ ހަރަކާތެއްކަން ފާހަގަކުރައްވައި މި ކޭމްޕްގެ ތެރެއިން ގައުމު ފުރިހަމައަށް ތަމްސީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަހުރުވެރި ދިވެހި ދަރީންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ކޭމްޕްގެ ބައިވެރިންގެ ކިބައިން އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ.