ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ޖުޑީޝަރީ ކޮމިޓީ އަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ސިޓީގައި ލިޔުއްވާފައިވާ ގޮތުގައި، ޕްރޮސެކިއުޓަރު ޖެނެރަލް ވާން ވާނީ ވަކި ފަރާތަކަށް ބުރަނުވާ، ގާނޫނުއަސާސީ އާއި މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދާކުރާ، އަދި އެއްވެސް ފަރާތެއްގެ ނުފޫޒުގައި ނެތް ބޭފުޅަކަށް ކަމަށެވެ.

މީގެ އިތުރުން، ވަކި ފަރާތްތަކަށް މަންފާއެއް ހޯދައިދިނުމުން އެއްކިބާވެ، ޕްރޮސެކިއުޓަރު ޖެނެރަލް އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރައްވަން ވާނީ ހަމަހަމަކަމާއި ޖަވާބުދާރީވުމުގެ މައްޗަށް ކަމަށް ވެސް އެ ސިޓީގައި ލިޔުއްވާފައިވެއެވެ.

ނަމަވެސް ޝަމީމް ވަނީ ގާނޫނުއަސާސީ އާ ހިލާފުވެވަޑައިގެންފައި ކަމަށާއި، އަދި ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ކަންކަން ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ޝާހިދު ހުށަހެޅުއްވީ ޝަމީމް ވަކިކުރުމަށެވެ.

އެ ސިޓީގައި ޝަމީމް ވަކިކުރަން ފެންނަ ކަމަށް ލިޔުއްވައި ޝާހިދު ހުށަހެޅުއްވި ސަބަބުތަކަކީ:

- ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ، އަދި އަންހެނުންގެ ކަރާމާތް ނަގާލުމަށް ހިންގޭ އެންމެ ބޮޑު އެއް ކުށް ކަމަށްވާ ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލްކުރުން

- މަގާމުގައި ދެމިހުރުމަށް ޖިނާއީ އަދުލުގެ ނިޒާމުގައި ގާއިމްކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުން

- ސަފާރީއެއްގައި ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްނުކުރަން ނިންމުން

- މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން

- އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން

- ޕަބްލިކް ޕްރޮސެކިއުޓަރު އަދި އެ އިދާރާގެ ތަރުޖަމާނު އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގައި ޑްރަގް ބޭނުންކޮށް ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ނުބެލުން

- ތަކުރާރުކޮށް ހުށަހެޅުމުން ވެސް ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަންގެ ދައުވާނުކުރަން ނިންމުން

- ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން

ކޮމިޓީން ނިންމީ ޝަމީމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށެވެ.

އެހެންކަމުން ޝަމީމް މަގާމުން ވަކިވާނީ ކޮމިޓީން އޭނާ ވަކިކުރަން ނިންމައި، އެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ތަޅުމުން ފާސްވުމުންނެވެ.