މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހއ. ކެލާގައި ފެންބޮޑުވެގެން ފެން ހިންދުމަށްޓަކައި ކޯރު ކޮނެފިއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ މެމްބަރު މަރިޔަމް ރިޝްވާ ވިދާޅުވީ ކެލާގައި ފެންބޮޑުވެ ފެން ހިންދުމަށްޓަކައި ރަށުގައި 3 ކޯރެއް ކޮނެފައިވާ ކަމަށާއި މި ވަގުތުވެސް ރަށަށް ވާރެ ވެހެމުން ދާ ކަމަށެވެ.

ހއ. ކެލާގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި / ފޮޓޯ: ކެލާ ކައުންސިލް

މީގެއިތުރުން ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެފައިވާ ކަމަށާއި ބައެއް ގޭގޭ ފާހަނަތަކުން ފެން އަރަމުން ދާ ކަމަށްވެސް ރިޝްވާ ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ފެން ހިންދުމަށް އެގޭތަކުގައި ދަތިވާ ކަމަށާއި، ނަމަވެސް ފެން ހިންދުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދާކަމަށް ރިޝްވާ ވަނީ މައުލޫމާތު ދެއްވާފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ގެއަށް ފެންނުވަންނާނެ ފަދައިން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށާއި އެގޮތުން ގޭގެ ކުރިމަތީ ވެލި ބަސްތާ ފަދަ ތަކެތި ޖެހުމަށާއި، ގޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނޭ ފަދަ މުދާ އުސްތަންތަނަށް ބަދަލު ކުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ކެލާގައި ފެންބޮޑުވެގެން ފެން ހިންދަން މޫދަށް ކޯރު ކަނޑާފައި

ބަނދަރުގައި އަޅާފައި ހުރި އޮޑިދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެ ފަދައިން އައްސާފައި ބެހެއްޓުމަށާއި، ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ދިޔަވަރު ބޮޑުވާ ވަގުތު ދަތުރު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެންޑީއެމްއޭއިން އެދިފައެވެ.

ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 7:00 އިން 13:00 އާ ހަމައަށް އުތުރުގެ އަތޮޅުތަކަށް ރީނދޫ އެލާޓު ނެރެފައެވެ.

މިހަފްތާގައި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވާއިރު، ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.