މާލޭގެ ގަލޮޅުގައި ދިރިއުޅޭ އަންހެނަކު ކެންސަރު ބަޔަށް ފަރުވާއަށް އެހީގެ ގޮތުގައި ކަމަށް ބުނެ ދޮގު ހަދައިގެން ފައިސާ ހޯދި ކަމަށް ބުނާ މައްސަލައެއްގައި އެ ގޭ ދޮށުގައި ބަޔަކު އެ އަންހެން މީހާއާ ދެކޮޅަށް އަޑު އުފުލަން ފަށައިފިއެވެ.
ގަލޮޅު ސަހަރާ ކައިރީގައި ހުންނަ އަސްޑާ ކެފޭ ހިސާބުގައި މިރޭ ގިނަ އަދަދެއްގެ މީހުން އެއްވެ، މަކަރާ ހީލަތުން ފައިސާ ހޯދި ކަމަށް ބުނާ އަންހެނަކު ދިރިއުޅޭ ގޭ ދޮށުގައި އަންނަނީ އަޑު އުފުލަމުންނެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ، ގ. އަސްޑާ ކެފޭ ހުންނަ ހިސާބުގައި މިރޭ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ. އެމީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ ފައިސާގެ މުއާމަލާތަކާ ގުޅިގެން ކަމަށާއި މި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އެ ސަރަހައްދަށް އެއްވެ އަޑު އުފުލަމުންދާ މަންޒަރު މިހާރު ޓިކްޓޮކްގައި ލައިވް ކުރަމުން އަންނަ އިރު، ލައިވްގައި ބައެއް މީހުން ބުނާ ގޮތުގައި އެ އަންހެން މީހާ ފައިސާ ހޯދާފައި ވަނީ ކެންސަރު ޖެހިގެން ފަރުވާ ކުރުމަށް ކަމަށް ބުނާ ކަމަށެވެ. އަދި އެ އަންހެން މީހާ އަކީ މީހަކާ ވެސް އިނދެގެން އުޅޭ އަންހެނެއް ކަމަށާއި އެމީހާގެ ސްކޭމްގައި ޖެހުނު މީހެއްގެ އަތުން 300،000 ރުފިޔާ ހޯދާފައިވާ ކަމަށެވެ.
އަދި މި ފައިސާ އެ އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާ އާއި ކޮއްކޮގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި ކަމަށް ވެސް ޓިކްޓޮކް ލައިވްގައި ބައެއް މީހުން އަންނަނީ ބުނަމުންނެވެ.