މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރެޓީ (މީރާ) އަށް މިދިޔަ ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.93 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މީރާގެ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އެގޮތުން މީރާ އަށް އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ 50.1 އިންސައްތަ ރުފިޔާ ލިބިފައިވާއިރު، ޖީއެސްޓީގެ ގޮތުގައި ވަނީ އާމްދަނީގެ 33.3 އިންސައްތަ ރުފިޔާ ލިބިފައެވެ.

މީގެއިތުރުން ޑިޕާޗާ ޓެކްސްގެ ގޮތުގައި އާމްދަނީގެ 2.56 އިންސައްތަ ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމް ލޭންޑު ރެންޓުގެ ގޮތުގައި 3.96 އިންސައްތަ، އެއާޕޯޓު ޑެވެލޮޕްމެންޓު ފީގެ ގޮތުގައި 2.65 އިންސައްތަ އަދި އެހެނިހެން ގޮތްގޮތުން 7.43 އިންސައްތަ ރުފިޔާ ވަނީ ލިބިފައެވެ.

މީރާއަށް މި ލިބުނު އާމްދަނީ އަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 17.1 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މި މި އާމްދަނީ އަކީ މީރާއިން މި އަހަރުގެ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.4 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނީ އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ 16.4 އިންސައްތަ އިތުރުވީ ޓީޖީއެސްޓީ އާމްދަނީ އިތުރުވެފައިވުމުންނާއި، ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2.4 ޕަސެންޓް އިތުރުވުމުން ކަމަށެވެ. އަދި ރިސޯޓުތަކުގެ ކުލީގެ ކުރީގެ ސުންގަޑިތަކުގެ ފައިސާ މި މަހު ބަލައިގަނެފައިވާތީ އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.