ބަހުރައިންގެ ބޮޑުވަޒީރު އަދި ވަލީއަހްދު ސަލްމާން ބިން ހަމަދު އަލް ހަލީފާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މި ސިޓީފުޅު ހަވާލުކުރައްވާފައި ވަނީ މިއަދު ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހުރައިންގެ ބޮޑުވަޒީރާ ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން މިނިސްޓަރު ޒަމީރު ވިދާޅުވީ ބަހްުރެއިންގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ހަލީފާއާ ބައްދަލުކުރައްވާފައިވާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް ހަލީފާއަށް ފޮނުއްވި ސިޓީފުޅެއް ވެސް ވަލީއަހްދުއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފަސް ދުވަހުގެ ރަސްމީ ދަތުރެއްގައި ބަހުރައިން އަށް ވަޑައިގެންފައިވަނީ އިއްޔެ އެވެ. ފޮރިން މިނިސްޓްރީން ބުނީ، ޒަމީރު ބަހްރައިނަށް ރަސްމީ ދަތުރެއްގައި ފުރާވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އައްޒަޔާނީގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުގައި، ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން ވަރުގަދަކުރުމާއި އެކުގައި ކުރިއަށް ދެވޭނެ ދާއިރާތަކާ މެދު ދެ ބޭފުޅުން މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ޒަމީރާ އެކު ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރާއްޖެ އާއި ބަހްރައިންގެ ގުޅުމަށް މި އަހަރު 44 އަހަރު ވަނީ ފުރިފައެވެ.