ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި މިދިޔަ ހަފުތާގައި ނިމުނު "ވެލްކަމް އިންޑިއާ" ރޯޑްޝޯ ސީރީޒްގެ ކާމިޔާބީތައް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ހިއްސާކޮށްފިއެވެ.

މިއަދު އެމްއެމްޕީއާރުސީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު ޚަލީލް އާއި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އަބްދުالله ގިޔާސް ރިޔާޒްގެ އިތުރުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނޫސްވެރިންނަށް އެއްބާރުލުން ދީގެން ދެފުއްފެންނަ މުވާސަލާތް ފޯރުކޮށްދީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. މީގެއިތުރުން އެމްއެމްޕީއާރުސީއިން ވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތައް ފާހަގަކޮށް، އިންޑިއާ އާއި ދުނިޔޭގެ ދަތުރުފަތުރުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީތަކާއި އިނީޝިއޭޓިވްސްތައް ހިއްސާކޮށްފައެވެ. އަދި އެމްއެމްޕީއާރުސީ އާއި މަޓާޓޯ އާއި އެންއެޗްޖީއޭއެމް ގުޅިގެން ޖުލައި، 30 2024 އިން އޮގަސްޓް 3، 2024 އަށް ކުރިއަށް ގެންދިޔަ "ވެލްކަމް އިންޑިއާ" ރޯޑްޝޯގެ އުސްއަލިތައްވެސް ވަނީ ހިއްސާކޮށްފައެވެ.

މި ގޮތުން އެމްއެމްޕީއާރްސީ އިން ބުނީ ނިއު ދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ކުރިއަށް ގެންދިޔަ މި ރޯޑްޝޯ ސީރީޒްގެ މަގްސަދަކީ ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމާއި، ބީޓޫބީ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ގުޅުން ބަދަހިކުރުމާއި، އިންޑިއާ ފަތުރުވެރިންގެ މެދުގައި ޕްރިމިއާ ހޮލިޑޭ ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. މި ހަރަކާތުގައި އެމްއެމްޕީއާރުސީ، މަޓާޓޯ އަދި އެންއެޗްޖީއޭއެމް އާއެކު ރާއްޖޭގެ 23 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެފައިވާކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ އިން ބުނީ "ވެލްކަމް އިންޑިއާ" ރޯޑްޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތަކާއި ތަޖުރިބާތައް ދައްކުވައިދޭ ފުރިހަމަ ޑެސްޓިނޭޝަން ޝޯކޭސްއެއް ދައްކާދެވުނު ކަމަށެވެ. އަދި މި ރޯޑްޝޯގައި ބައިވެރިވި ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މަންދޫބުންނާއެކު ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމާއި، ދެމެހެއްޓެނިވި ޕާޓްނަރޝިޕްތަކެއް ބިނާކުރުމުގެ ފުރުސަތު ލިބިގެންދިޔަކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

އިތުރަށް އެމްއެމްޕީއާރްސީ އިން ބުނީ މި ރޯޑްޝޯގައި އައިލެންޑް އޭވިއޭޝަނާއި ސްރީލަންކަން އެއާލައިންސް އިން ވަނީ ވަކިވަކި ޕްރެޒެންޓޭޝަންތަކާއެކު ރާއްޖެއަށް ކަނެކްޓިވިޓީގެ ފުރުސަތުތައް އިތުރުވެފައިވާކަން ދައްކާލާފައިވާ ކަމަށެވެ. އަދި ރެފްލް ޑްރޯތަކާއި އިތުރު ހިތްގައިމު ޕްރެޒެންޓޭޝަންތަކުން ރޯޑްޝޯގެ އިންޓަރެކްޓިވް އެލެމެންޓެއް އިތުރުވެ، ބައިވެރިންގެ މެދުގައި މަގުބޫލުކަން އުފެއްދިގެން ދިޔަކަމަށް ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އިންޑިއާއަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި "ވެލްކަމް އިންޑިއާ" ރޯޑްޝޯއަކީ މި މާކެޓް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު ސްޓްރެޓެޖިކް ފިޔަވަޅެއްކަމުގައި އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. އިންޑިއާ މާކެޓުގައި ރާއްޖޭގެ ޕްރެސެންސް ދެމެހެއްޓުމަށާ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިން އިތުރުކުރުމަށް ގިނަ ހަރަކާތްތައް ހިންގަމުން އަންނަކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ އިން ބުނީ ކުރިއަށް އޮތް ހަރަކާތްތަކުގެ ތެރޭގައި ޕީއާރު ހަރަކާތްތަކާއި ޓްރޭޑް ޝޯތަކުގައި ބައިވެރިވުމާއި މީޑިއާ ފެމިލިއަލައިޒޭޝަން ދަތުރުތަކާއި އެއާލައިންތަކާއި އޮންލައިން ޓްރެވަލް އެޖެންޓުންނާއެކު ޖޮއިންޓް މާކެޓިން ހަރަކާތްތައް ހިންގުމުގެ އިތުރުން ޑިޖިޓަލް މާކެޓިން ކެމްޕެއިންތައް ފާހަގަކޮށްލެވޭ ކަމަށެވެ.