ސަރުކާރުން ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ، ސީދާ ހަރަކާތަށް ނިކުންނަން ޖެހިއްޖެނަމަ އެކަން ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފިއެވެ.

މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި އެ ޕާޓީގެ ތިމަރަފުށި ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ސަރުކާރުން މުވައްޒަފުން ވަކިކުރަމުންދަނީ އެއްވެސް އިންސާފެއް ނެތި ކަމަށެވެ. އޭނާ ރޭ ހުށަހެޅުއްވި ގަރާރުގައި ވަނީ، ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީން އިންސާފު ހޯދައިދިނުމަށާއި، ސީދާ ހަރަކާތަށް ނިކުންނަން ޖެހިއްޖެނަމަ އެކަން ކުރަން ވެސް ގޮވާލައްވައިފައެވެ.

މި ގަރާރު ގައުމީ މަޖިލީހުގެ އިއްތިފާގުން ރޭ ފާސްކޮށް ގަރާރުގެ މަސައްކަތްކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ. އެ ކޮމިޓީގައި ތިއްބަވަނީ:

  • އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން
  • އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒު ސައީދު
  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
  • އަލިފުށި ދާއިރާގެ އެމްޑީޕީގެ ރައީސް މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
  • ކުޑަހުވަދޫ ދާއިރާގެ އެ ޕާޓީގެ ރައީސް ޝާތިރު އަބްދުއްރަހްމާން

ޕާޓީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުމަކާ ދެކޮޅަށް އެމްޑީޕީން އަޑު އުފުލާނެ ކަމަށާއި އެގޮތުން ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ މައްސަލައިގައި ވެސް އެ ޕާޓީން އަޑު އުފުލަމުން ދާނެ ކަމަށެވެ.