މި ސަރުކާރަށް ނުވަ މަސް ދުވަސް ވީއިރު، މާލޭ ރައްޔިތުންގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާކަމަށް އެމްޑީޕީ މާލެ ދާއިރާގެ ރައީސް، އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން އާދަމް އާޒިމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގަ ލަސްވާ ވާހަކަ ދެއްކި 'މީހުންނަށް' ހިއްކާފަ ބިން ދިނުމުންވެސް އެ ބިން ކަނޑާފައި، ނުދެވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އިމާރާތްތައް އެޅުމަށްފަހު ފްލެޓު ދޭން ބުނުމުން، 4000 މީހުންނަށް ފްލެޓު ނުދީ މަގުމަތިކޮށް، ބައިތިއްބާފައިވުމަކީ ކަންބޮޑުވާކަމެއް ކަމުގައި އާދަމް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯއްޗާއި ފްލެޓުތައް އަތުނުލެވިގެން އުޅެނީ އެމްޑީޕީގެ ވިސްނުންތެރިކަން ރަނގަޅުވުމުން ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން ޔަގީންކުރީ، ހައްގުވާ ކޮންމެ މީހަކަށް ވެސް ގޯތި ދިނުމަށް ފަހު ސަރުކާރުގެ ލިޔުމެއް ދިނުމަށް ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. "އެ ލިޔުން ދިނީމަ މިއަދު އަސްލު (ފްލެޓާއި ގޯތި) އަތު ނުލެވިގެން އެ އުޅެނީ. އެ ލިޔުން ނުދިން ނަމަ، މިހާރު ހަމަގައިމު ވެސް އޮންނާނީ ހުރިހާ ބިމެއް ވެސް ހުރިހާ ފްލެޓެއް ވެސް އަތުލާ ބޭނުން ބަޔަކަށް ބަހާ ނިންމާލާފައި،" އާޒިމް ވިދާޅުވިއެވެ.
އިތުރަށް އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީ އިންކަމެއް ނުކުރާކަމަށް ރައްޔިތުން ބުނަމުން ދިޔައިރު، އެޕާޓީން ވައުދުވީ ހުރިހާ ކަމެއް އެމްޑީޕީގެ އެންމެ ފަހު ދުވަހު ނިންމާފައިވާކަމަށެވެ. އެގޮތުން އެ ޕާޓީން ވައުދުވީ ރަށްތައް ތަރައްގީކޮށް، މާލެ ރައްޔިތުންނަށް ގޯތި ދޭން ކަމަށާ އެމްޑީޕީ ސަރުކާރަށް ފަސް އަހަރު ނިމުނުއިރު ރަނުން ރަނަށް ވައުދު ފުއްދާފައިވާކަމަށެވެ. "މާލޭގެ ރައްޔިތުންނަށް ކަނޑުން ވިޔަސް އެހެން ތަނަކުން ވިޔަސް ގޯތި ދީފައި އޮންނާނީ. ދެން ހިއްކާފަ ނިންމާފަ އޮންނާނީ ދިނުން. އެތަންތަން ތަރައްގީކުރުން ދެވަނަ ދައުރަކަށް ނިންމާފައި އޮންނާނީ" އާދަމް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ މި ސަރުކާރަށް ނުވަ މަސް ދުވަސްވިއިރު ކެނޑުނީ 'ހުސް ސަޅިކަން' މިހާރު ރައްޔިތުންނަށްވެސް އެނގޭނެކަމަށެވެ.