އިނގިރޭސި ވިލާތުގައި މުޒާހަރާ ކުރަމުންދާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިންޓަނެޓުގެ އެކި މަންސަތަކުގައި ދޮގު ހަބަރު ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން ފެށިގެން އުޅޭ މި ހަމަނުޖެހުންތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 29 އިން ފެށިގެން އިނގިރޭސި ވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އަދި އިނގިރޭސިވިލާތުގެ މި ހާލަތާއި ގުޅިގެން 100 އަށް ވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ހާމަކުރަމުން ފޮރިން މިނިސްޓްރީން ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އެންމެހާ ދިވެހި ރައްޔިތުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.
އަދި މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުން ދުރުހެލިވުމަށާއި އިނގިރޭސި ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ގުޅުމަށް މިނިސްޓްރީން އެދެއެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން [email protected] މެދުވެރިކޮށް ހައި ކޮމިޝަނުގައި ރަޖިސްޓަރީވުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
ސައުތްޕޯޓުގައި ހިންގާ ޑާންސް ކްލާހެއްގެ 3 ދަރިވަރަކަށް ވަޅިން ހަމަލާދިނީ ޔޫކޭއަށް ހިޖުރަ ކޮށްގެން އުޅޭ އުމުރުން 17 އަހަރުގެ މުސްލިމް ކުއްޖެއް ކަމަށް ބުނެ އެގައުމުގެ ބައެއް މީޑިއާ ތަކާއި އޮންލައިން ޕްލެޓްފޯމްތަކުގައި ވަނީ ހަބަރު ފަތުރާފައެވެ.
މި ހަބަރާއެކު ކަނާއަތުފިޔައިގެ ހަރުކަށި މީހުން, ހިމާޔަތް ހޯދަން ޔޫކޭއަށް ވަންނަ މީހުނަށް ނުވަތަ ހިޖުރަވެރިންނަށް އަމާޒުކޮށް ހަމަލާ ދޭން ވަނީ ފަށާފައެވެ. އެގޮތުން ހިޖުރަވެރިން ގިނަ އަދަދަކަށް ތިބޭ ހޮޓާތަކަށް ގެއްލުން ދީ, ކައިރީގައި ހުންނަ ބައެއް ތަކެތީގައި ހުޅުޖަހާ ރޯކޮށް ހަދަމުން ދާ އިރު, ހަމަނުޖެހުން ހިންގާ ހަރުކަށި ޖަމާއަތްތަކުގެ މީހުން ގެންދަނީ, ގަލާއި, ލަކުޑިބުރިބުރިއާއި ހޮޅިބުރި އަދި ދަގަނޑުބުރި ފަދަ ތަކެތި ބޭނުން ކޮށްގެން ހަމަނުޖެހުން ހިންގަމުންނެވެ.
ނަމަވެސް ސައުތްޕޯޓުގެ ވަޅި ޖެހުމުގެ ހާދިސާގައި ބައިވެރި ވަނީ މުސްލިމެއް ނޫން ކަމާއި އެކަން ކުރީ އިނގިރޭސިވިލާތަށް އުފަން އިނގިރޭސި ރައްޔިތެއް ކަމަށް ވާ އެލެކްސް ރުދަކަބާނާ ކަމަށް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށް ފަހު ވަނީ ހާމަވެފައެވެ.