އެސްޓީއޯ އިން މާލޭގައި މަލްޓިޕާޕަސް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

25 ބުރީގެ މި އިމާރާތް ތަރައްގީ ކުރަނީ މަޝްރޫއުގެ 15 ޕަސެންޓު އިކުއިޓީ އެސްޓީއޯން ދޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުންނެވެ. އަދި ކޮންޓްރެކްޓަރާ މި މަސައްކަތް ހަވާލުކުރަނީ އިންޖިނިއަރިން، ޕްރޮކިއުމަންޓު އަދި ކޮންސްޓްރަކްޝަން (އީޕީސީ) މޮޑެލްގެ ދަށުންނެވެ.

މި މި އިމާރާތުގައި އޮފީސް ޖާގައަށް ހާއްސަ ބަޔަކާއި ޓްރެއިނިން ސެންޓަރަކާއި މަލްޓިޕާޕަސް ހޯލާއި ކެފެޓީރިއާއާއި ރެކްރިއޭޝަނަށް ހާއްސަ ބައެއްގެ އިތުރުން ވެލްނެސް ސެންޓާ ފަދަ ވަސީލަތްތައް ހުންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެސްޓީއޯން ބުނީ 25 ފަންގިފިލާގެ ކޮމާޝަލް އިމާރާތެއް އެޅުމަށް ނިންމާފައިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ.

އެގޮތުން އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަނަށް ވުރެ އަގުބޮޑު މަޝްރޫއެއް ހިންގާފައިވާ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް ވެއެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭ އެފަދަ ބޮޑު މަޝްރޫޢެއް ހިންގާފައިވާ ޕްރައިމަރީ ކޮންޓްރެކްޓަރަކަށް ވާންޖެހޭނެ ކަމަށާއި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން ބަލައިނުގަންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ހެޑް އޮފީސް ހުރި އިމާރާތާއި ޖެހިގެން އޮތް ހުސް ބިމުގައެވެ. އެހެންކަމުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.