ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރީގެ ރައީސް ޔާމީނަށް ރައްދު ދެއްވާ، ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

މީގެ ކުރިން ޔާމީނާ ގާތް ގުޅުމެއް ބޭއްވެވި އަދުރޭ މިފަދަ ތުހުމަތުތަކެއް ކުރައްވާފައި ވަނީ ރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޔާމީން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދުރަށް ޖެހިވަޑައިގަތް ސަބަބު ސާފުކޮށްދެއްވަމުން އަދުރޭ ވިދާޅުވީ، ޔާމީން ޕާޓީއާ ދުރަށް ވަޑައިގަތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި ރައީސް މުއިއްޒު އިންނަވާ މަންޒަރު ބައްލަވަން 'ލަގޮނޑިއަށް ކެތް' ނުވެގެން ކަމަށެވެ.

"ދުރަށް ދިޔަ ސަބަބަކީ ލަގޮނޑިއަށް ކެތް ނުވީ، އެހެން ބޭފުޅަކު ވެރިކަން ކުރާ މަންޒަރު ބަލަން ދެލޮލަށް ކުޅަދާނަ ނުވީ. އެމަނިކުފާނު [ޑރ. މުއިއްޒު] ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑީގައި އިންނަވާ މަންޒަރު ދެކެން ހިތް ބިރުގަތީ،". އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

ހަމައެހެންމެ ޔާމީން ގެއަށް ބަދަލުކުރި ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، އެދުވަހު ގެއަށް ވަޑައިގަންނަވަމުން ޕާޓީގެ މެންބަރުންނާ [ޔާމީން] ސަލާމް ކުރައްވަމުން އޮޅުލައްވަމުން ވަޑައިގެންނެވި އިރު ރައީސް މުއިއްޒުއާ ދޭތެރޭ ޔާމީން ކަންތައް ކުރެއްވި ގޮތް އެދުވަހުގެ ވީޑިއޯތަކުން ފެނިގެންދާ ކަމަށެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށާއި މަޖިލީހުގެ ރައީސް އަބްދުލްރަހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ރައީސް މުއިއްޒަށް ވެސް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަތައް ގިނަ ކަމަށް ޔާމީން ވިދާޅުވެ ސަރުކާރަށް ޗެލެންޖު ކުރައްވާފައި މައްސަލައިގައިވެސް އަދުރޭ ވަނީ އެ މައްސަލަ ބައްލަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ޕީއެންއެފް ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ

އެގޮތުން އަދުރޭގެ މައްސަލަ ބެލުމަށް ކޮމިޝަނެއް އެކުލަވާލައި ޗެއާ އަކަށް ޔާމީން ހަމަޖެއްސުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި ޔާމީންގެ މައްސަލަ ބެލުމަށް ވަކި ކޮމިޓީއެއް ހަދާ، އެ ކޮމިޓީގެ ޗެއާއަކަށް އޭނާ [އަދުރޭ] ހަމަޖައްސަވަން އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެކަމަކު ހަމަ އެހެން ކޮމެޓީއެއް ހައްދަވަން ވާނެ. ހަދާފަ އެކޮމެޓީގެ ޗެއާއަކަށް ލާންވާނީ އަޅުގަނޑު. ދެން މެންބަރުންނަށް ލާންވާނީ އަޅުގަނޑު ބުނާ ބައެއް، އޭރުން އަޅުގަނޑު އެމްއެމްޕީއާރްސީގެ މައްސަލަ ބަލައިދޭނަން. ބަލައިފިއްޔާ ދެން ވާނެ ގޮތް އެނގިވަޑައިގަންނަވާނެ،"
އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ޔާމީނަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގައި އެއްލައްކަ ރުފިޔާ ހަމަނުވާ ކަމަށާއި ވެރިކަމުން ފައިބާވަޑައިގެންނެވި އިރު، 500 މިލިޔަނުން އެ އެކައުންޓުތަކުގައި ފައިސާ ހުރި ކަމަށެވެ. އަދި އެ ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އަދި ކުޅަނދުރު ހަތައިގެ މިސާލު ދައްކަވަމުން އަބްދުއްރަހީމް ވަނީ އެފަދަ ކަންކަން ކުރަން ވާނީ ވަރަށް ވިސްނުމަށް ފަހު ކަމަށް ވިދާޅުވެ ޔާމީނަށް ރައްދު ދެއްވާފައެވެ. "އެހެންވީމަ ކުރީރޭ ވެސް އަޅުގަނޑު ދެންނެވިން ކުޅަނދުރު ހަތަޔަކަށް އޮއްގާ ނޫކާށޭ. އެއީ ވަރަށް ނުރައްކާތެރި ކަމެކޭ،" ރައީސް ޔާމީނަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އަބްދުއްރަހީމް ވަނީ ޔާމީން އަށް ރައްދު ދެއްވާ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާފައެވެ. މި ސަރުކާރާ ދުރަށް ޔާމީން ޖެހިވަޑައިގަތީ ސަރުކާރު ގޯސްވެގެން ނޫންކަމަށާއި އެއީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަމަށްވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.