ރޯގާ ބޭހެއް ކަމުގައިވާ އެލެގްރާ ބޭހުގެ 3 ބެޗެއް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މަނާކޮށްފިއެވެ.
މި ބޭސް ބޭނުން ކުރުން މަނާކޮށްފައި ވަނީ މި ބޭހުގެ 3 ބެޗަކުން ކޮލިިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވަނީ އެލެގްރާ (30mg/5ml) ގެ ބެޗް ނަންބަރު AL1223019, AL1223029, AL1223060 ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. މިއީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސަނޯފީ އިންޑިއާ ލިމިޓެޑްއިން އުފައްދާ ބޭހެކެވެ.
އެމްއެފްޑީއޭއިން ބުނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ އެލެގްރާ ބޭހުގެ 3 ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބޭސް އުފައްދާ ކުންފުނިން ވަނީ އެލާޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ 3 ބެޗް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުން އެ އޮތޯރިޓީއިން ވަނީ މަނާކޮށްފައެވެ.
މި ބޭހުގެ ބެޗްތައް (AL1223019, AL1223029, AL1223060) ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ، އެކަން އެމްއެފްޑީއޭއަަށް އީމެއިލް މެދުވެރިކޮށް އެންގުމަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.