ބޮޑު ތަފާތަކުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މާލެ ސިޓީގެ ރައީސްކަން އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

އިއްޔެ 14:30 އިން ރޭ 9:00 އަށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގައި މާލެ ސިޓީގެ ރައީސްކަމަށް ވާދަ ކުރައްވާފައި ވަނީ މޭޔަރު އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހެވެ.

އާޒިމް މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 1079 ވޯޓު ހޯއްދަވައިގެންނެވެ. ފަލާހު އަށް ލިބިވަޑައިގަތީ 470 ވޯޓެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި މާލޭގެ ކުރީގެ މޭޔަރު ޝިފާ އެމްޑީޕީން ވަކިވުމުންނެވެ. އެމްޑީޕީގެ މާލެ ސިޓީގެ ރައީސްކަމުގެ ގޮނޑީގެ އިތުރުންވެސް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ 21 ދާއިރާއަކަަށް މެންބަރުން ވަނީ އިއްޔެ އިންތިހާބު ކޮށްފައެވެ.

އެގޮތުން މި އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާއަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އައިކް އަހުމަދު އީސާ ވާދަކޮށްފައި ވާއިރު، މި ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ މާރިޔާއެވެ.

މައްޗަންގޮޅި އުތުރުދާއިރާގެ ގޮނޑި އެމްޑީޕީގެ އެކްޓިވިސްޓު ހަދީޖާ މުހައްމަދު ކާމިޔާބު ކޮށްފައި ވާއިރު، މެދުހެންވޭރު ދާއިރާ ކާމިޔާބު ކޮށްފައި ވަނީ މީކާއިލް މުހައްމަދެވެ. މީގެއިތުރުން، ސަފާތު އަހުމަދު ޒާހިރުއާއި އަހުމަދު ޝަފީގު ވާދަކޮށްފައި ވަނީ ހުޅުމާލެ މެދު ދާއިރާއަށެވެ. މި ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ސަފާތެވެ.

މި އިންތިހާބުގެ ވޯޓު ފޮށިތައް 24 ރަށެއްގައި ބެހެއްޓިއިރު މާލެ ސަރަހައްދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ.