ބުޅާތަކަށް ހިޔާވަހިކަން ދީ ރަޖިސްޓާ ކުރުމުގެ މަސައްކަތް ރާއްޖޭގައި ފަށާފައި ވާ އިރު, އެކަން އެގޮތަށް ކުރާ އެހެން ގައުމުތައްވެސް އެބަހުއްޓެވެ.
ދެކުނު އެފްރިކާގެ ގައުމެއް ކަމަށް ވާ ކެންޔާގައި ވެސް ބުޅާ ގެންގުޅޭ ފަރާތްތަކުން އެ ތަކެތި ރަޖިސްޓާ ކޮށް, ވެކްސިން ދީ އަދި ޓެކްސް ދައްކަން ޖެހޭ ގޮތަށް ގާނޫނީ އޮނިގަނޑެއް ވަނީ ހަދާފައެވެ.
އެ އޮނިގަނޑުގައި ބުނާ ގޮތުން ބުޅާ ގެންގުޅެން ބޭނުންވާ މީހުން ލައިސަންސް ފީގެ ގޮތުގައި އަހަރަކަށް 1.5 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ރެބީސް ވެކްސިން ދީފައި ވާ ކަމުގެ ލިޔުންވެސް ހުށަހަޅަން ޖެހެއެވެ.
ބުޅަލަކީވެސް ބައެއް ފަހަރު ނުރައްކާތެރި ގޮތަކަށް އުޅޭ' ޖަނަވާރަކަށް ވާތީ އެތަކެތީގެ އެ އުޅުމުގެ ސަބަބުން ދިމާވާ ކަމެއްގެ ޒިންމާވެސް ވެރިފަރާތުން އުފުލަން ޖެހޭނެއެވެ. އަދި އަވައްޓެރިންނަށް އުނދަގީވާގޮތަށް ގޮވާ, ހަޅޭ ލަވާ ހެދިޔަ ދީގެންވެސް ނުވެއެވެ.
އަލަށް ގެންނަ ގާނޫނީ މި އޮނިގަނޑާ ހުރެ ބުޅާ ގެންގުޅޭ ފަރާތްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް މިއީ ބުޅާ ބަލަހައްޓާ އަދި ބުޅަލަށް އަޅާލުން ދިނުމަށް ނުވަތަ އެތަކެތި ބެލެހެއްޓުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް އިދާރާތަކުން ބުނެއެވެ.
ބުޅާ ގެންގުޅޭ އާންމު ބައެއް ފަރާތްތަކުން އެކްސް ގައި ބުނެފައި ވާ ގޮތުން, ކެންޔާގައި އެކިއެކި ބާވަތްތަކުގެ ޓެކްސް އިތުރުވެގެން ގޮސްފައި ވާ އިރު ބުޅަލަށް ހާއްސަކޮށް ޓެކްސް ނަގަން ފެށުމަކީ ބުޅާތައް ބެލެހެއްޓުމާއެކު އެހެނިހެން ހަރަދުތައް ފޫބެއްދުމަށް ދަތިވާނެ މައްސަލައަކަށް ވާނެއެވެ. އެއާއެކު ގިނަ ބުޅާތަކެއް މަގުތަކަށް ދޫކޮށްލަން ޖެހިދާނެ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.
ބުޅަލާއި އެނޫންވެސް ޖަނަވާރު ގެންގުޅޭ އިރު ރައްކާތެރިކަން ކަށަވަރު ކުރުމަށް އެތަކެއްޗަށް ދޭން ޖެހޭ މުހިންމު ވެކްސިނަކީ ރެބީސް އެވެ. ރެބީސް ވައިރަހަކީ ފުރާނައަށް ނުރައްކާ ވާ ވައިރަހަކަށް ވާއިރު ބުޅަލުގެ ޒަރީއާއިން އެވައިރަސް އިންސާނުންގެ ގަޔަށް ވެސް އަރައެވެ.
ހިސާބުތަކުން ދައްކާ ގޮތުން އެ ވައިރަހުގައި ކޮންމެ އަހަރަކު 2000 އެއްހާ މީހުން ކެންޔާގައި މަރުވެއެވެ.
ރާއްޖޭގައި ބުޅާ ގެންގުޅެން ހުޅުމާލޭގައި ހާއްސަ ޝެލްޓާއެއް ހަދާފައި ވާ އިރު އެތާނގައި މިހާރުވެސް ގިނަ އަދަދެއްގެ ބުޅާ އެބަ ތިއްބެވެ. އެތަކެތި ބެލެހެއްޓުމަށް އާންމު ފަރާތްތަކުން ޒިޔާރަތް ކޮށް ކާންދީ ހަދައެވެ. ނަމަވެސް ރާއްޖޭގެ ބުޅާތަކަށް ބޭނުންވާ ރެބީސް ވެކްސިން ދޭކަން 'ދަ ޕްރެސް' އަށް ޔަގީން ކުރެވިފައެއް ނުވެއެވެ.
ބުޅަލަށް ހާއްސަ ހިޔާވަސެއް ހަދައި ރާއްޖޭގައި މަސައްކަތް ފަށާފައި ވާ އިރު މިހާރު ވަނީ ބުޅާތައް ރަޖިސްޓާ ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. މިކަން މިގޮތަށް ކުރާ އިރު, ގާނޫނީ އޮނިގަނޑެއް ރާއްޖެއަކު އަދި ނެތެވެ.