ބުޅާތަކަށް އަނިޔާކުރާ ކަމުގެ ޝަކުވާ ބޮޑުވެ، ބުޅާތައް ރައްކާތެރި މާހައުލެއް ހޯދާ ދިނުމުގެ މަސައްކަތް އެނިމަލް ވެލްފެއާ މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާ މިހާރަކަށް އައިސް އިތުރުވަމުންދާ ކަމަށެވެ.
އަދި އެއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ހިލާފު އަމަލަކަށްވާތީ، އެކަން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ހަމަ އެހެންމެ މިނިސްޓްރީން ބުނީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަމެއް ކަމަށެވެ.
މިނިސްޓްރީން ހާމަ ކުރި 5 މިނިވަން ކަމަކީ:
- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
- ސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
- ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.
- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
އެގޮތުން ރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްއިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާކަމަށާއި ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، އިލްމީ ދިރާސާކުރުމަށާއި، މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ބުޅާތަކަށް އަނިޔާކުރުމުގެ ޝަކުވާ ބޮޑުވެ މިނިސްޓްރީން ބުނީ މާލޭގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާތައް ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް މިނިސްޓްރީން ބުނީ މިނިސްޓްރީން ބުނީ އޮޅުކޮށް ގެންގުޅޭ ޖަނަވާރަކީ ވަކި ބާވަތެއްގެ ކާނާ ދީގެން، އާދަވެގެން ޖަނަވާރު އުޅުމުގެ ސުލޫކު ވަކި ގޮތަކަށް ބައްޓަން ކޮށްގެން އަޅާލުމާއި ލޯބިދީގެން ހޭހަންކޮށްގެން ގެންގުޅޭ އެއްަކަށް ވާތީ، އެ ސޮރުމެން މަގުމައްޗަށް ދޫކޮށްލުމުން ކުރިން ލިބެމުންއައި އަޅާލުމާއި ލޯބިން މަހުރޫމުވާ ކަމަށެވެ.
އޭގެ ނަތީޖާއަކީ، މިނިސްޓްރީން ބުނި ގޮތުގައި އެ ސޮރުމެންނަށް ކަންބޮޑުވުމާއި ހިތްދަތިކަން އިހުސާސް ކުރަން ޖެހި، އާދަވެގެން ކަމުންދިޔަ ކާނާ ނުލިބި، އުޅެމުންއައި އަމާން، އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅެވުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.