މާލޭ ލިޓަސް ސާވިސް ސެންޓަރުގައި ހުއްޓާ ގައިގެ 24 ތަނަކަށް ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ މަރަށް 7 އަހަރު ފާހަގަކުރަން މީދޫގެ ހުރިހާ މަގުބައްތިތަކެއް ނިވާލައި ޝުއޫރުފާޅު ކުރުމުގެ ހަރަކާތެއް ރޭ އެރަށުގައި ބާއްވައިފިއެވެ.

ރ.މީދޫ ހުރިހާ ރައްޔިތުން ބައިވެރިވި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރޭ 9:15 އިން 9:30 އަށެވެ. އަނަސްގެ އާއިލާއިން ބުނީ މި ހަރަކާތަކީ ނަސް މަރާލިތާ ހަތް އަހަރު ފުރުނުއިރު ވެސް އިންސާފު ނުލިބޭތީ އެ ހިތާމައިގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލާފައިވަނީ ދުޝްމަނެއް ކަމަށް ހީކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާއަށް ދިން ހަމަލާއެއްގައެވެ. މި މައްސަލައިގައި ދައުލަތުން ވަނީ 7 މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އެގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާކޮށްފައިވަނީ މ. ދިމިޝްގުގޭ އުސްމާން ޝަރީފް، މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު، ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާންގެ މައްޗަށެވެ. މީގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ, ވެސްޓަންވިލާ, ހަސަން މަހްފޫޒު، ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ، ތ. ކިނބިދޫ, ގުލްފާމުގޭ, މުހައްމަދު ޝާޒު، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އަށެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން މިއަހަރު ފެބްރުއަރީ 25، ގައި ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެއްކާ، ގަރީނާތަކަށް ރިއާޔަތްކޮށް، ދައުވާކޮށްފައިވާ މީހުން ކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތްކަމަށެވެ. އަދި މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތްއިރު ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި ނުވާކަމަށް މި ހުކުމުގައިވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމާއި ގުޅިގެން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.