ހަރަދު ކުޑަ ކުރުމަށް ވުރެ ބޮޑަށް މި ސަރުކާރުން ކައުންސިލް ތަކާ އަޅައިގަނެގެން އުޅޭ ތަން ފެނިވަޑައިގަންނަވާ ކަމަށާއި ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވިއެވެ.

މަޓޭ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް ބަލައިގަތުމަށް ނިންމައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެ ބިލު ފޮނުވުންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޓޭ ވިދާޅުވީ، ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ނުވަތަ ކައުންސިލެއްގެ މެންބަރެއްގެ މަގާމު ހުސްވުމުން އެ އިލެކްޝަން 60 ދުވަސް ތެރޭ ނުވަތަ ބައެއް ހާލަތްތަކުގައި އެއަށްވުރެ ވެސް އަވަހަށް އެ އިންތިހާބު ބާއްވަން އޮތް އޮތުން 6 މަސް ދުވަހަށް ބަދަލު ކުރުމަށް އިސްލާހު ހުށަހެޅުަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިއީ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވި ނަމަވެސް މިގޮތަށް ނިންމާފައި ވަނީ ޕީއެންސީއަށް އޮތް ތާއީދު ހޯދުމަށާއި އިންތިހާބުތައް ޕީއެންސީން ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ކަމަށް މަޓޭ ތުހުމަތު ކުރެއްވިއެވެ.

ބައި-އިލެކްޝަންތަކަކީ ސަރުކާރުގެ ނުވަތަ އިލެކްޝަން ކޮމިޝަންގެ ބޮޑު ދައުރެއް އޮންނަންޖެހޭ އިންތިހާބެއް ނޫން ކަމަށް މަޓޭ ވިދާޅުވިއެވެ. ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ބައި-އިލެކްޝަންތައް ބޭއްވިދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް މަޓޭ ވިދާޅުވިއެވެ. އަދި މިފަދަ އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަންގެ އޮބްޒާވަރަކު ބައިވެރިވުމަކީ މިކަން އެންމެ ފުރިހަމައަށް ގެންދެވޭނެ ގޮތް ކަމަށް މަޓޭ ވިދާޅުވިއެވެ.

މެންބަރަކު ކައުންސިލުން ވަކިވެ ގޮނޑި ހުސްވާ ހިސާބުން ބައި އިލެކްޝަންތައް ބާއްވާ މުއްތަދު 6 މަސް ދުވަހަށް ދިގު ކުރުމުގައި ސަރުކާރުގެ މަގްސަދަކީ ރައްޔިތުންނާ އޮންނަ ގުޅުން ކުޑަކުރުން ކަމަށް މަޓޭ ވިދާޅުވިއެވެ. އަދި މިއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި އެއީ ބޮޑު މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށް ދައްކަން ކުރާ ކަމެއް ކަމަށް ވެސް މަޓޭ ތުހުމަތު ކުރައްވައެވެ.