މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަހްމަދު މުނައްވަރު އައްޔަން ކުރައްވައިފިއެވެ.

ގަވަރުނަރު ކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒުއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ މުނައްވަރާ ބައްދަލު ކުރައްވާފައެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި ރައީސް އާއި ގަވަރުނަރު ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއެޅުއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ގަވަރުނަރު ވިދާޅުވީ ގައުމުގެ އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން ޑިސެންބަރު 12، 2023 އިން މި މަހުގެ 22 ވަނަ ދުވާހާ ހަމައަށްށް ހުންނެވީ ފިނޭންސް މިނިސްޓްރީގެ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމުގައެވެ. އަދި މުނައްވަރު ވަނީ މީގެކުރިން މިނިސްޓާ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.