ދިވެހި ދައުލަތުގެ ގަވަރުނަރު އަލި ހާޝިމް ޒިންމާ އަދާ ކުރައްވަމުން ނުގެންދަވާ ކަމަށާއި އޭނާގެ ދާއިރާގެ ތެރެއިން ދެއްވަން ޖެހިވަޑައިގަންނަވާ ލަފާ ނުދެއްވާ ކަމަށް ވިދާޅުވެ އޭނާ މަގާމުން ވަކިކުރަން މިއަދު ފާސްކޮށްފިއެވެ.
އެމްޑީޕީގެ ވެރިކަމުގައި އައްޔަން ކުރި ހާޝިމް މަގާމުން ވަކިކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް, ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
މިހާރު މަޖިލީހުގެ އިދާރާގައި ކުރިއަށްދާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމްގެ ހުށަހެޅުމަށް ވޯޓަށް އަހާ ވަނީ ފާސްކޮށްފައެވެ.
ނާޒިމްގެ ހުށަހެޅުއްވުމުގައި ވަނީ, ގައުމުގެ އިގުތިސޯދު ހީނަރުވެ އަލުން އަނބުރާ އިޔާދަކުރަން އުނގޫ ހިސާބަކަށް ދިޔަ އިރުވެސް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިންގަމުން ނުދާ ކަމަށެވެ.
އަދި މާލީ އިދާރާތަކުގެ ތެރެއިން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާގޮތެއްގައި ހިފެހެއްޓާ ބޭންކްތަކުގައި ރިޒާވް އެމްއެމްއޭގައި ބަހައްޓާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މިހާރު އޮތް އިގުތިސޯދީ ހާލަތާއެކު ސަރުކާރުން ފައިސޯ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވީ ނަމަވެސް އެ މާކެޓް ރެގިއުލޭޓު ކުރުމުގެ މަސައްކަތްވެސް ކުރަމުން ދާތަން ނުފެންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެކެއެކި ކުށްތައް ކުރުން ހުއްޓުވަން ބަލާއިރު އެމްއެމްއޭގެ ގަވައިދުތައް އަދާހަމަ ނޫން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މާލިއްޔަތު ކޮމިޓީން ގަވަރުނަރު ވަކިކުރަން ފާސްކުރި ނަމަވެސް ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށަހަޅާ ވޯޓަށް އަހައިގެންނެވެ. އޭގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ގަވަރުނަރަށް އޮންނާނެއެވެ.
ގަވަރު ވަކިކުރަން ކޮމިޓީން ފާސް ކުރި މި ވަގުތަކީ ރާއްޖޭގެ ދަރަނި ބޮޑުވެ އިގުތިސޯދީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ ވަގުތެކެވެ. ގާތްގަނޑަކަށް 64 ބިލިއަން ރުފިޔާގެ ދަރަންޏަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އުފައްދާފައި ވާ ދަރަންޏެވެ. ރިކަރަންޓް ހަރަދާއި އެނޫން ބޭނުންތަކަށް ރާއްޖެއިން ބޭރުންނާއި އެތެރެއިން ލޯނުތައް ނެގުމުގެ ސަބަބުން ގައުމު މިހާލަތަށް އައި ނަމަވެސް އެކަމުގެ ޒިންމާ އެމްޑީޕީން ނުއުފުލައެވެ. އޭގެ ބަދަލުގައި ބުނަމުން ދަނީ, ހިނގަމުންދާ ސަރުކާރަށް އިގުތިސޯދު މެނޭޖް ކުރަން ނޭނގެނީ ކަމަށެވެ. ނަމަވެސް ހިނގަމުން މިދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފައިސާ ޗާޕް ކުރުން ހުއްޓާލައި ރާއްޖެއިން ބޭރުގެ ދަރަނީގެ ތެރެއިން އިންޑިއާ އަށް ދައްކަން އޮތް ދަރަނީގެ ބޮޑުބައެއް ވަނީ ހަލާސް ކޮށްފައެވެ.