ރާއްޖެއިން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އެއް ހެދުމުގެ ސަބަބުން ފައިދާވާނީ ރާއްޖޭގެ ބަދަލުގައި ޗައިނާއަށް ކަމަށާއި، މިކަމުގެ ސަބަބުން ޒަމާނުއްސުރެ ދިވެހިން އުފައްދާފައި ހުރި ޓްރޭޑް ލިންކުތައް ފުނޑުފުނޑުވެގެންދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ "ހަވަރު ބެރު"ގެ ނަމުގައި ރޭ އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފައްޔާޒު އެއް ގައުމުން އުފައްދާ ތަކެތި އަނެއް ގައުމަށް ޑިއުޓީއާ ނުލައި ވެއްދުމަށް ފުރުސަތު ލިބިދޭ އެފްޓީއޭއެއް އޮތުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުން ސުން ޕަސެންޓް ޑިއުޓީ ނަގާފައި، ދުބާއީ އާއި ސިންގަޕޫރު ފަދަ ގައުމުތަކުން ގެންނަ މުދަލުން ޑިއުޓީ ނަގާ ނަމަ އެ މުދާތައް ގެންނަން ޗައިނާ އަށް އެކަނި ބަރޯސާވާން ދިވެހި ވިޔަފާރިވެރިންނަށް މަޖުބޫރުވާނެ ކަަމަށެވެ.

ޗައިނާ އަށް އަޅުގަނޑުމެން މަސް ބޭރު ކުރަންށޭ ކިޔާފައި އެފްޓީއޭއެއް ހަދާއިރުގައި ޗައިނާގެ އެތައް ހާސް މުދަލެއް ޑިއުޓީ ނުނަގައި ރާއްޖެ އަށް ވެއްދޭ ގޮތް ހެދީމާ ޑިއުޓީ ވެސް އަޅުގަނޑުމެންނަށް ގެއްލެނީ، އަޅުގަނޑު މި ދެންނެވި ޓްރޭޑް ލިންކުތައް ވެސް ހަލާކުވެގެން ދަނީ ޗައިނާ އަށް އަޅުގަނޑުމެންގެ މަސް ބޭރު ކުރެވިދާނެ ކަމުގެ އުންމީދުގައި، ޗައިނާއަކީ އަޅުގަނޑުމެންގެ ބޮޑު ކޮމްޕެޓިޓާއެއް މަހުގެ ބާޒާރަށް ބަލައިފިއްޔާ.
ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ އެފްޓީއޭއެއްގެ ފައިދާ ލިބޭނީ އެކްސްޕޯޓް ކުރާ ގައުމުތަކަށް ކަމަށާއި، އިގުތިސާދީ ސިޔާދަތު ގެއްލިގެން ގޮސްފިނަމަ ދިވެހިރާއްޖޭގެެ ސިޔާދަތާއި މިނިވަންކަމަށް ވެސް ބޮޑު ބުރޫއެއް އަރާނެކަމަށެވެ.

މި އެފްޓީއައި އަށް އަމަލު ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އިނގިރޭސި ވިލާތާ އެކުގައި ވެސް މިނިވަން ވިޔަފާރިގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި އިންޑިއާއާ އެކުގައި ވެސް އޭގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.