މި އަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މީގެ ކުރީ ކުއާޓާއާ އަޅާބަލާ އިރު 23 ޕަސެންޓްގެ ދަށް ވުމެކެވެ.
އެސްޓީއޯ އިން ބުނީ، ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާ ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުން ކަމަށެވެ. ތެލުގެ އަގުތައް ދަށް ކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 16 ޕަސެންޓުން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 515 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ކުންފުނީގެ ޖުމްލަ ފައިދާ ދަށްވިކަމުގައި ވިޔަސް ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާގައި ވަނީ 203 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައި ވަނީ 177 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާގެ ސާފުފައިދާގެ ގޮތުގައި ވަނީ 148 މިލިއަން ރުފިޔާ ލިބިފައެވެ.