ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕްގެ ދަށުން ޖަޕާނުން ރާއްޖެއަށް 161 މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

161 މިލިއަން ޖަޕަނީސް ޔެން އަކީ ރުފިޔާއިން ބަލާ ނަމަ 16.04 މިލިއަން ރުފިޔާއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޗޭންޖް އޮފް ނޯޓް ފޯ ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) ގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކޭޗީ މިޑޯރީ އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ޖަޕާންގެ އެމްބަސީން ބުނީ، މި އެހީގެ ދަށުން ޖަޕާނުގެ އެންމެ މަތީ ޔުނިވާސިޓީތަކުން ސޯޝަލް ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަށް ދިވެހިންނަށް ފުލް ފަންޑް ސްކޮލަޝިޕް ލިބޭނެ ކަމަށެވެ. 2020 ވަނަ އަހަރުން ފެށިގެން 4 އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ކޮންމެ އަހަރަކުވެސް ޝަރުތު ހަމަވާ 6 ދިވެހިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ޖަޕާނުގެ ހިލޭ އެހީގެ ޖުމްލަ އަގަކީ 161 މިލިއަން ޖަޕަނީސް ޔެން ކަމަށާއި އެއީ ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު ކަމަށް ޖަޕާންގެ އެމްބަސީން ބުނެއެވެ. މި ސްކޮލަޝިޕްގެ މަގްސަދަކީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ އެމްބަސީން ބުނެއެވެ.