މަރުކަޒީ ބޭންކް, އެމްއެމްއޭގެ ގަވަރުނަރުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްއެމްއޭގެ އާ ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމައި, އޭނާގެ ނަން ފާސްކުރުމަށް ތަޅުމަށް ހުށަހެޅީ މިއަދެވެ. އެހެންވެ, މުނައްވަރު އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށް ރިޔާސަތުން ވޯޓަށް އެހުމުން, ވޯޓުގައި ބައިވެރިވި 78 މެންބަރުން ވެސް ވަނީ އެގޮތަށް ފާސްކޮށްފައެވެ.

މީގެ ކުރިން އެމްއެމްއޭގައި ވެސް މަސައްކަތްކުރެއްވި މުނައްވަރު, މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކުރައްވަން ރައީސް ހުށަހެޅުއްވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށްފަހުގައެވެ. ގަވަރުނަރުކަމުން ހާޝިމް ވަކިކުރީ ގަވަރުނަރުގެ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރައްވާ ކަމަށާއި ސަރުކާރަށް އެއްބާރުލުން ނުދެއްވާ ކަމަށް ބުނެއެވެ.