އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ކާކުކަން އެނގޭގޮތަށް އެ މައްސަލަ ހުށަހަޅާ ފަރާތްތަކަށް އޮޓޯމޭޓްޑް ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އެ ކޮމިޝަނުން ބުނީ، "ލިބީގެ" ނަމުގައި މިއަދު ތައާރަފުކުރި މި ނިޒާމުގެ ތެރެއިން، މައްސަލަ ހުށަހަޅާ ހިސާބުން ފެށިގެން މައްސަލަ ނިމެންދެން މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރިއަށް ގެންދާ ކޮންމެ މަރުހަލާއެއް ފެށުމުން އަދި ނިމުމުން އެކަމުގެ އަދާހަމަ ލިބޭ ގޮތަށް ހަމަޖއްސާފައިވާ ކަމަށެވެ. މި ނިޒާމުގެ ތެރެއިން ކާކުކަން އެނގޭގޮތަށް ފޯނު ނަންބަރަކާއެކު މައްސަލަ ހުށަހަޅާ ފަރާތަކަށް، އެސްއެމްއެސްގެ ޒަރީއާ އިން މައުލޫމާތު ލިބެމުން ދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިއަދު ތައާރަފުކުރި "ލިބީގެ" ފަންކަޝަންގެ ސަބަބުން އޭސީސީއަށް ހާޒިރުނުވެ، މައްސަލައިގެ އަދާހަމަ ބެލުމަށް އިތުރު ވަގުތު ހޭދަ ކުރުމަކާ ނުލައި މައްސަލައިގެ އަދާހަމަ ލިބިގެންދާނެ ކަމަށް އޭސީސީން ބުނެއެވެ. އަދި މި ފަންކްޝަންގެ ސަބަބުން މައްސަލަތަކުގެ އަދާހަމަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބު ދިނުމަށް ހޭދަކުރަމުންދާ ވަގުތު ސަލާމަތްކުރެވި، ހުށައަޅާ މައްސަލަ އާއި ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުން ފަސޭހައިން އެނގިގެންދާނެ ކަމަށް ވެސް އޭސީސީން ބުނެއެވެ.
"ލިބީގެ" އިފްތިތާހު ކޮށްދެއްވީ މިއަދު އެ ކޮމިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ.