ކުރީ ސަރުކާރުން މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާ އަށް ބޮޑުކުރުމުގެ ސަބަބުން ސަރުކާރުން 13 ރުފިޔާ އިތުރަށް ލާން ޖެހުނު ކަމަށް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

'އެސްއެސްޓީވީ'ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ، އޭރުގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދެ ބުރުގެ މެދުތެރެއިން މަސް ގަންނަ އަގު 25 ރުފިޔާ އަށް ބޮޑުކޮށްފައިވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މަސްވެރިންނަށް ހެޔޮއެދިގެން މަސް ގަންނަ އަގު އޭރުގެ ސަރުކާރުން ބޮޑުކުރިނަމަ، 25 ރުފިޔާ އަށް ބޮޑުކުރުމަށް ދުރާލާ މަސައްކަތްކުރީސް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މަހުގެ އަގު އޭރު ހުރި ގޮތުން ދައުލަތުން ބޮޑު އެއްޗެއް ދީގެން ނޫނީ މިފްކޯއަކަށް މަސް ކިލޯއެއް ނުގަނެވޭނެ ކަމަށާއި، އެގޮތުން މިފްކޯގެ ހާލަތު އޭރު އޮތީ 12 ރުފިޔާ އަށް މަސް ގަނެގެން ނޫނީ އެ ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެއްސޭ ހިސާބުގައި ކަމަށެވެ.

"މިފްކޯގެ ބްރޭކްއީވަން އަގަކަށް ވެފަ މި އޮތީ މިފްކޯގެ އޯވަހެޑާއި މި ހުރިހާ އެއްޗެއް ހުރިގޮތުންނާ އެކީގަ މިފްކޯގެ ހަރަފުތަކާ އެއްޗެހި ހުރިގޮތުންނާ އެކީގަ މިފްކޯއިން 12 ރުފިޔާ އަށް މަސް ގަނެގެން ނޫނިއްޔާމު މިފްކޯއަކަށް ބްރޭކްއީވަން ވެސް ނުކުރެވޭ ހިސާބުގަ އަގުގަ ކަންކަން ހުރީ" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާ އަށް ކުރީގެ ސަރުކާރުން ބޮޑުކުރުމުގެ ސަބަބުން، މަސް ކިލޯއެއް ގަންނަ އިރު ސަރުކާރުން 13 ރުފިޔާ އިތުރަށް ލާން ޖެހޭ ކަމަށާއި، އެހެންކަމުން މިދިޔަ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ ރަނގަޅު ބަދަލެއް ގެނައުމުގެ މަގްސަދެއްގައި ނޫން ކަމަށެވެ.

ހަމަ އެހެންމެ، 25 ރުފިޔާ އަށް މަސް ކިލޯއެއް ގަންނަ ގޮތަށް އަގުބޮޑުކުރި ހިސާބުން ފެށިގެން މަސްވެރިންނަށް ފައިސާ ނުދީ އޮތް ކަމަށާއި، މި ސަރުކާރު ހަވާލުވިއިރު 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މާ ލަސްތަކެއް ނުވެ، އެ ފައިސާ އާ އެކީގަ މަސްވެރިންނަށް ދައްކަން ޖެހުނު ފައިސާ އިތުރުވެގެން އޭރު ދިޔަ ކަމަށެވެ.

އެކަމަކު ސަރުކާރުން ގެނައި ބަދަލުތަކާ އެކީ މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާ ދައްކައި ބެކްލޮގް އެއްކޮށް ފިލުވާލެވިފައިވާ ކަމަށާއި، މިހާރު މަސްވެރިންނަށް ކޮންމެ ދެ ހަފްތާއަކުން ފައިސާ ދައްކަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން މަހުގެ އަގު ބައިނަލްއަގުވާމީ މާކެޓުގެ އަގުތަކަށް ބަލައި މަސްވެރިންގެ އަތުން މަސް ގަންނަމުން ދާނެ ކަމަށާއި، މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު އާންމުކޮށް އިއުލާނުކުރާނެ ކަން މިފްކޯއިން ހާމަކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ.

މިފްކޯ އިން އިތުރަށް ބުނީ، އެ ކުންފުނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ހޯދައި، ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާނެ ކަމަށެވެ.