މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ފައިސާ ދީ ހަލާސް ކުރެއްވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ، މިދިޔަ ހުކުރާ ހިސާބަށް މަސްވެރިން ބޭނި ހުރިހާ މަހަކަށް އިއްޔެގެ ނިޔަލަށް ފައިސާ ދެވިފައި ވާ ކަމަށެވެ. އެއާއެކު ކުރިންސުރެ ނުދެވި ހުރި ހުރިހާ ފައިސާއެއް ދެވުނީ ކަމަށާއި "ބެކްލޮގް" ސާފު ކުރެއްވިއްޖެ ކަމަށެވެ.

މަސްވެރިންނަށް މިދިޔަ ސަރުކާރުގެ ވަކި ހިސާބަކުން ފެށިގެން ގިނަ އަދަދެއްގެ ފައިސާ ނުދީ އޮތް އިރު މިދިޔަ ނޮވެންބަރު 17 އިން ފެށިގެން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް 561 މިލިއަން ދޫކުރި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ އަތުން މިފްކޯއަށް މަސްގަނެ ރޯދައާ ހަމައަށް 300 މިލިއަން ރުފިޔާ ނުދެވި އޮތެވެ.

މި ހުސްވި ފެބްރުއަރީ މަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ އަދަދު ހާމަ ކުރައްވައި ރައީސް ވިދާޅުވީ، ރޯދަ ފެށުމުގެ ކުރިން ދެއްވާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަ ކުރި އަދަދާއި ރައީސް ހާމަ ކުރެއްވި އަދަދާ ފުށޫ އެރި ނަމަވެސް، މަސްވެރިނަނަށް ފައިސާ ލިބިފައި ވާ ކަމަށް ބައެއް މަސްވެރިންގެ ފަރާތުން 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައި ވެއެވެ.

އެ ދަތުރުފުޅުގައި ރައީސް ވިދާޅުވެފައި ވަނީ، މި ސަރުކާރު އައުމަށް ފަހު މިހާތަނަށް މަސްވެރިންނަށް 442 މިލިއަން ރުފިޔާ ދީފައި ވާ ކަމަށާއި އެއީ މި ސަރުކާރު އައި އިރު ވެސް ނުދީ އޮތް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި މި ވެރިކަން ފެށުނު ފަހުން މަސްވެރިން ކުރަމުން އައި މަސައްކަތަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.

"ޖުމްލަ 442 މިލިއަން ރުފިޔާ 3 މަސް ތެރޭގައި މި ދެއްކީ. އަދި ހަމަ މަސްވެރިކަން ކުރިއަށްދާ ވަރަކަށް މަސްވެރިންނަށް ފައިސާ ދޭން ޖެހޭނެ. މިހާރު ހަމަ އިތުރަށް 298 މިލިއަން ރުފިޔާ 300 މިލިއަން އެބަ އޮތް ދައްކަން. އެ ފައިސާވެސް މިބަލަނީ އިރާދަ ކުރެއްވިއްޔާ ރޯދައިގެ ކުރިން ނިންމާލެވޭތޯ."

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ، މި ސަރުކާރަށް ވާރުތަވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 250 ވަރަކަށް މިލިޔަން ރުފިޔާ ނުދީ އޮއްވާ ކަމަށާއި މިހާރު ނުދެވިހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށެވެ. ނަމަވެސް އެ ތާރީހު ފަސްދީ ދިޔުމުން މަސްވެރިން ކަނބޮޑުވުން ފާޅު ކޮށްފައި ވެއެވެ.

އޭގެ ކުރިންވެސް މަސްވެރިން ވަނީ ފައިސާ ނުދީގެން މުޒާހަރާ ކޮށް ގއ ކޫއްޑޫ ބަނދަރަށް ވަދެ މަސްދޯނުތައް އަޅާ ކޫއްޑޫއަށް އެރުމަށް ފަހު ދިގުލައިގެން ދިޔަ އިހުތިޖާޖެއް ކޮށްފައެވެ.

ފައިސާ ނުދެނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށް ބުނެ އިންޒާރު ދެމުން ކޫއްޑޫއިން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރުވެސް މަސްވެރިން އޭރު ދީފައި ވެއެވެ.