ޒަމާނީ ވަސީލަތްތަކާއެކު ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ ނިޒާމެއް ތ. ކިނބިދޫގައި ގާއިމުކޮށް، ކުނިމެނޭޖުކުރާ ނިޒާމު އިފްތިތާހުކޮށްފިއެވެ.

މިއަދު މިކަމަށްޓަކައި ކިނބިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އެ ރަށުގައި މި ނިޒާމު ގާއިމުކުރެވުނީ ރަށުގައި އުފެދޭ ތަފާތު ބާވަތްތަކުގެ ކުނި ވަކިން މެނޭޖުކުރެވޭ ގޮތަށްކަމަށާ މިއީ ޒަމާނީ ވަޒީލަތްތަކާއެކު ގާއިމްކުރި ނިޒާމެއްކަމަށެވެ. އަދި ކުނި މެނޭޖުކުރުމުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ރައްކާތެރި އަދި ތަނަވަސް މާހައުލެއް ގާއިމުކުރެވިފައިވާނެކަމަށް ތާރިގް ވިދާޅުވިއެވެ.

މީގެ އިތުރުން ތާރިގް ވިދާޅުވީ ރާއްޖޭގެ ރަށްށްރަށުގައި އުފެދޭ ކުނީގެ ގާތްގަނޑަކަށް 65 އިންސައްތައަކީ ފަނާވާ ޒާތުގެ ކުނިކަމަށެވެ. އެހެންކަމުން ފަތް ކުންޏާ، ބަދިގެ ކުނި ހިމެނޭހެން ދުވަހުން ދުވަހަށް އުފެދޭ ފަނާވާ ޒާތުގެ ކުނި މެނޭޖުކުރުމަށް ބަޔޯ ވޭސްޓް ޓްރީޓްމަންޓް ސިސްޓަމެއްވެސް މި މަރުކަޒުގައި ގާއިމުކޮށްފައިވާ ކަމަށް ތާރިގް ވިދާޅުވިއެވެ.

ކނބިދޫ ކުނި މެނޭޖުކުރާ ނިޒާމަކީ ސަރުކާރުން ކުރިއަށްގެންދާ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން، ދިވެހި ދައުލަތުގެ ބަޖެޓާ، ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ގާއިމުކުރި ނިޒާމެކެވެ. ކިނބިދޫގެ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަށް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ މެޝިނަރީތަކާ އާލާތްތައްވަނީ ފޯރުކޮށްދީފައެވެ.