އައްޑުއިން ކަރަންޓު ކެނޑޭ މައްސަލައިގައި އެ ސިޓީގެ ރައްޔިތުން ތިބީ 'ފަލަސްތީނު'ގެ ރައްޔިތުން ތިބި ހާލުގައި ކަމަށް ސިފަކުރުމުން، ސަރުކާރު ހިންގާ ކުންފުނިތައް އޮތް ހާލަތު، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާ އާ ގުޅުވައިފިއެވެ.
އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމަށް ގޮވާލައްވައި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އައްޑުއިން ކަރަންޓު ކެނޑޭ މައްސަލައިގައި އެ ސިޓީގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި، ގިނަ ވަގުތު އުޅެން ޖެހެނީ ކަރަންޓާ ނުލާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މި ޒަމާނުގަ ކަރަންޓު ނެތިއްޔާ ފެނެއް ވެސް ނުލިބޭނެ، އެންމެ ކުޑަމިނުން ފާހާނާ ފްލަޝްވެސް ކޮށް ނުލެވޭ، އެއީ ސަޕްލައި ފެން ގުޅާފަ ނެތް ގެއެއް ވެއްޖިއްޔާ އެ ހިސާބުން އެ ނިމުނީ، ކުރާނެ އެއްވެސް ކަމެއް ނެތް، ވުޟޫވެސް ކޮށް ނުލެވޭ، ތަޔައްމަމު ކުރަން ޖެހޭ ހާލަތުގަ މި ތިބެނީ،" އޭނާ ވިދާޅުވިއެވެ.
ހަމަ މި މައްސަލައަށް ބަހުސްކުރެއްވި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވަނީ އައްޑޫގެ އިތުރުން ލ. އަތޮޅުގެ ރަށްރަށުގައި ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހަމަ އެހެންމެ ނާޒިލް ދެއްކެވި ވާހަކައަށް އޭނާ ރައްދުދެއްވިއެވެ.
"ދަރަޖައިގެ ގޮތުން މި ވަގުތު ފަލަސްތީނު އޮތް ހާލަތުގަ އޮތް އެހެން ބަޔަކު ދުނިޔެއަކު ނެތް، މިސާލެއްގެ ގޮތުން ވެސް ފަލަސްތީނާއި އައްޑޫ ރައްޔިތުންނަކާ އަޅުވައެއް ނުކިޔޭނެ،" ނަޝީދު ވިދާޅުވިއެވެ. އެ ނުކުތާގައި، ފަލަސްތީނުގައި އިޒްރޭލުން ޖަރީމާތައް ހިންގަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޭރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ޒަމާންވީ އުދުވާން ވަރުގަދަކޮށް، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 38 ހާހަށް ވުރެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވެއެވެ. އިޒްރޭލުން ދޭ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.