މި ސަރުކާރު ފެށުނުއިރު ވަރަށް ބައިވަރު ޕްރޮޖެކްޓްތަކެއް މަތިކުރެވިފައިވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދިނީ ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސަުވާލަށް ޖަވާބުދެއްވަމުންނެވެ. މެންބަރުން ނާޒިލު ވަނީ އައްޑޫގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މި ސަރުކާރުން މިހާތަނަށް ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން އެއްވެސް މަސައްކަތެއް ކުރެވިފައިވޭތޯ އާއި އަދި އެފަދަ ކަމެއް ކުރެވިފައިވާނަމަ އެކަމުގެ ތަފްސީލު ހޯދުމަށް ސުވާލުކުރައްވާފައިވެއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ހުއްޓިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތް އަވަސްކުރުމަށް ކޮންޓްރެކްޓަރުންނާއެކު މަޝްވަރާކުރެވިވައިވާ ކަމަށެވެ. އަދި އެކަންކަން ކުރިއަށް ގެންދިއުމާ، ބައެއް ޕްރޮޖެކްޓަށް ނުދެއްކި ހުރި ފައިސާ މި ސަރުކާރުން ދައްކާފައިވާކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމް މަރާމާތުކުރުމަކީ މިނިސްޓްރީން އެންމެ އިސްކަންދިން އެއް ކަންތައްކަން ފާހަގަކުރައްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ އެންމެ ފުރަތަމަ ރިޕެޔާ އެންޑް މެއިންޓެނެންސްގެ ގޮތުގައި ފުރިހަމަ ކުރެވުނު ޕްރޮޖެކްޓަކީވެސް އައްޑޫ ސްޓޭޑިއަމް މަސައްކަތް ނިންމުން ކަމަށެވެ. އަދި އެތަނުގައި އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތެއްވެސް ބާއްވާފައިވާކަން މިނިސްޓަރު ވަނީ ފާހަަގަކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ދަތިކަން އެބަހުރި ކަމަށާއި މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ފައިސާއެއް ނެތްކަމަށެވެ. އެގޮތުން، ބަޖެޓުގައި ހިމަނާފައި ހުރި މަޝްރޫއުތައް އެއްކޮށްލުމުން ދެ އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭނީ އެ ރަށަކުން ބޭނުންވާ އެންމެ މުހިންމު މަޝްރޫއުތަކަށް ކަމަށާއި ކައުންސިލްތަކާ ވާހަކަދައްކައިގެން އެކަން އެގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ އުންމީދަކީ ތިންވަނަ ނޫނީ ހަތަރުވަނަ ކުއާޓަރުގައި ގިނަ ޕްރޮޖެކްޓުތައް އިއުލާނުކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ.