ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރުމުން ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުގެ ވައްކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅު ކުއްިލ މައްސަލަ ބޭރުކޮށްލައިފިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި މި މައްސަލަ ބަލައިގަންނަން ނުގެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވިއިރު މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.

ނާޒިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ސިނގިރޭޓުން ނަގަމުންދިޔަ ޑިއުޓީ ބޮޑު ކުރުމާއެކު ބައެއް ފަރާތްތަކުން އެކަމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ގޮތުން ޑިއުޓީ ނުދައްކާ ވަގަށް ސިނގިރޭޓު އެތެރެކޮށް ވިއްކަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ސިނގިރޭޓުގެ ކަޅު ބާޒާރާއެއް އުފެދިފައިވާ ކަމަށެވެ.

ވަގަށް އެތެރެކުރަމުންދާ ސިނގިރޭޓުގެ އަދަދު އިތުރުވަމުންދާ ކަމަށާއި މިފަދަ މައްސަލަތަކާ ގުޅިގެން އަތުލައިގަނެވޭ ފަރާތްތަކާމެދު ވެސް އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާ ކަމަށް ވެސް ނާޒިލް ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިހުމާލާއި ބައިވެރިވުން ފުޅާދާއިރާއެއްގައި އޮތް ކަމަށް ބެލެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ރާއްޖެއަށް ވަގަށް އެތެެރެކުރަނިކޮށް ކަސްޓަމްސްއިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި 13.6 މިލިއަން ސިނގިރޭޓު ގެއްލުމުން ކަސްޓަމްސް ނުވަތަ އެމްޕީއެލްއިން މިހާތަނަށް އެއްވެސް ކަމެއް ހާމަކޮށްފައި ނުވުމުގެ ސަބަބުން، އެ އިދާރާތަކުގެ ސީދާ ބައިވެރިވުމުން ނުވަތަ އިހުމާލު އެ ކަމުގައި އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ގެއްލުނު ސިނގިރޭޓުތަކުގެ ޑިއުޓީގެ ގޮތުގައި އަރާނެ ކަމަށް ލަފާކުރާ 100 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ދައުލަތަށް ލިބިގެންދިޔަ ބޮޑު މާލީ ގެއްލުމެއްކަން ވެސް ނާޒިލް ވިދާޅުވިއެވެ. ރާއްޖެއަށް އެތެރެކޮށް ޕޯޓުގައި ހުންނަ މުދާ ގެއްލުމަކީ ޕޯޓު ހިންގާ އެމްޕީއެލްއަށް ޕޯޓް ސެކިއުރިޓީ ނުބެލެހެއްޓޭކަން ހާމަވާ ކަމެއް ކަމަށާއި މިކަމުން ވިޔަފާރިވެރިން އެތެރެކުރާ މުދަލަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން ހާމަވާ ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ވިޔަފާރި ބަނދަރަށް ބާލާ މުދަލާއި ތަކެތި ބަލައިފާސްކުރުމާއި ބަނދަރުގައި ބަހައްޓާފައި ހުންނަ ވަގުތު ބެލެހެއްޓުމުގެ ކަންކަން "ދޯހަޅިކޮށް" އޮންނަކަން ހާމަވުމަކީ މަސްތުވާތަކެއްޗާއި ހަތިޔާރާއި އަދި ގޮވާތަކެތި އަދި އެ ނޫން ވެސް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާތަކެތި ފަސޭހަކަމާއެކު އެތެރެކުރެވޭނެ މަގު މިހާރު ހުޅުވިފައިވާކަން އެނގިގެންދާ ސަބަބެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ އެކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުންކުރުން އިހުނަށްވުރެ އިތުރުވުން އަދި ހަތިޔާރު ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން ޓެރެރިސްޓު ހަމަލާއެއް ދިނުންފަދަ ޖަރީމާތައް ހިންގުމުގެ ފުރުސަތު އޮތް ކަމަށް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ގައުމީ ސަލާމަތާއި އިގްތިސޯދަށް ނުރައްކާވާ ގޮތަށް ހިނގަމުންދާ ކަންކަމުގެ ތެރެއިން ކަމެއް ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ސިނގިރޭޓުތައް ގެއްލުނު މި މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އަދި 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.