ތަކުރާރުކޮށް އައްޑޫގެ އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ވަގުތުން ވަގުތަށް ސަރުކާރުން ފިޔަވަޅު އެޅުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުއްލި މައްސަލަ ހުށަހަޅުއްވައި ވިދާޅުވީ، ރަމަޟާން މަސް ފެށެންވާއިރަށް އައްޑު އަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މައްސަލަ ހައްލުނުވާތީ އައްޑޫގެ އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
އައްޑޫން ތަކުރާރުކޮށް ކަރަންޓު ކަނޑަމުން ދާތީ އެ ސިޓީގެ ގޭބިސީތަކާއި ފިހާރަތަކާއި އޮފީސްތަކުގައި ހުންނަ އޭސީ އާއި ފްރިޖް ފަދަ އަގުބޮޑު ކަރަންޓު ސާމާނަށް ގެއްލުންވަމުން ދާތީ އެ ސިޓީގެ އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ، އައްޑޫން ތަކުރާރުކޮށް ކަރަންޓު ކެނޑެނީ އެ ސިޓީގެ މައި އިންޖީނުގޭގެ ތިން ޖަނަރޭޓަރު ސެޓު މަރާމާތުނުކުރެވިގެން ކަމަށާއި އެ ސެޓުތައް މަރާމާތުކުރުމަށް މާލޭގައި ހުންނަ ފެނަކައިގެ މައި އޮފީހުން ސްޕެއާ ނުފޮނުވާތީ ކަމަށް، އައްޑޫގެ އިންޖީނުގޭގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ވަގުތީގޮތުން ހައްލުކުރުމަށް ތިން މެގަވަޓްގެ ދެ ޖެންސެޓު ބޭނުންވާ ކަމަށް މައި އިންޖީނުގެއިން ބުނި ނަމަވެސް ގެންދިޔައީ 1.8 މެގަވަޓްގެ ޖެންސެޓެއް ކަމުގައި ވެސް ނާޒިލް ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައަށް ކުރު ރާސްތާގައި ހައްލެއް ލިބޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވި ނަމަވެސް މިނިސްޓަރު ދެއްވި އެއް މަހުގެ މުއްދަތު އަށް މަހަށް ބަދަލުވެ ދިގުލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ، ނާޒިލް ގޮވާލެއްވީ އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށެވެ.
މި މައްސަލަ ބަލައިގަނެ ބަހުސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން 13 މެންބަރަކު މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓުދިން އިރު، މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 47 މެންބަރަކު ވޯޓުދެއްވިއެވެ.
މި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވޯޓުދެއްވީ މި މައްސަލަ ބަލައިގަތުމާ ދެކޮޅަށެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ލޯޑް ބޮޑުވާ ގަޑިތަކުގައި ކަރަންޓު ކެނޑުމުގެ ސަބަބުން އަގު ބޮޑު ސާމާންތައް ހަލާކުވާ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ. އެ ސިޓީގެ އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިހާރު ކަރަންޓު ކެނޑޭ ގަޑިތައް ރައްޔިތުންނަށް އެންގުމަށްޓަކައި ފެނަކައިން އަންނަނީ ވައިބާ ގުރޫޕަށް ނޯޓިސް ފޮނުވަމުންނެވެ.
އައްޑޫން ތަކުރާރުކޮށް ކަރަންޓު ކެނޑޭ މައްސަލައިގައި އެ ސިޓީގެ އާންމުން އިހްތިޖާޖުވެސް ކޮށްފައި ވެއެވެ.