ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީ ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަނެއްކާވެސް އަންގައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ކެފޭ ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓްތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދެމުންގެންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ދުވާރުމަތީގައި އަދި ހެޖުތެރޭގައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ހިދުމަތް ދެމުން ގެންދާތީ، އެކަމުގެ ސަބަބުން އާމުންނަށް ގިނަ ދަތިތައް ކުރިމަތިވާކަމަށާއި އެކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބެމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ޝަކުވާތަކުގެ ތެރޭގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ދުވާރު ބޭނުން ކުރުން، ސްކޫލު ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުން އަދި އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތްކުރުމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލުތަކުން ވެސް ހުށަހަޅާފައިވާކަން އެޗްޑީސީއިން ފާހަގަކުރެއެވެ.

އެޗްޑީސީއިން ބުނީ މިގޮތަށް ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެކޯޕަރޭޝަނުން ވަނީ އާންމުންނަށް ދަތިވާގޮތަށް ދުވާރު މަތީގައި އަދި ހެޖުތެރޭގައި ބެހެއްޓިފައިވާ ގޮނޑި އަދި މޭޒު ފަދަ ތަކެތި ނެގުމަށް އަންގާފައެވެ.

ހުޅުމާލޭ މަގުމަތީގެ ޕޭވްމަންޓްމަތީގައި ބަހައްޓާފައިހުރި ގޮނޑި އާއި މޭޒުނަގަން އެޗްޑީސީއިން ވަނީ މީގެކުރިން ވެސް އަންގާފައެވެ. އަދު ވިޔަފާރި ކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައެވެ.