މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ސާނަވީ އިމްތިހާނު ތަކުން ގިނަ ދަރިވަރުން ފާސްނުވުމުގެ މައްސަލަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ސެންޓާ ފޮ ހަޔަ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވަމުން، އިސްމާއީލް ޝަރީފް ވަނީ ރާއްޖޭގައި މަތި ތައުލީމު ހޯދުމަށް ހުރި ފުރުސަތުތަކާ، އެކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ. ސާނަވީ އިމްތިހާނު ތަކުން ގިނަ ދަރިވަރުން ފާސްނުވުމަކީ މަތީ ތައުލީމީ ފުރުސަތައް އޮތް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވަމުން އިސްމާއީލް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަން ބަދަލުކޮށް ފާސްވާ ނިސްބަތް މަތިކުރުން ކަމަށެވެ.

މި ގޮތުން ރާއްޖޭގެ 23 ސްކޫލެއްގައި ސާނަވީ އިމްތިހާނު ނިންމާ ހުރިހާ ކުދިންނަށް، ސްކޫލްގެ ޖާގަ އޮތް މިންވަރަކުން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައި ވާކަމަށް އިސްމާއީލް ޝަފީއު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އޮތް ގޮތުން 2 މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށާ ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އެއް މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އެފުރުސަތު އޮންނާނެ ކަމަށް އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން އިސްމާއީލް ޝަފީއު ވިދާޅުވީ މިއީ ބޭކާރު ހަރަދެއްކަމުގައި ބައެއް ފަރާތްތަކުން ގަބޫލު ކުރިނަމަވެސް، މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް ކުދިންގެ ކިބައިގައި ހުރި ހުނަރު ކުރިއެރުވުމަށް ފުރުސަތު ދިނުންކަމަށް ސަރުކާރުން ދެކޭކަމަށެވެ.