ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ބޭނުންވާ ފަރާތްތަކަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ފުުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއީ ދުނިޔޭގެ އެހެން ސިޓީތަކުގައި ވެސް ގާއިމް ކޮށްފައިވާ ފަދައިން އެތަނަށް ޒިޔާރަތް ކުރާ އާއިލާތަކަށާއި ފަރާތްތަކަށް ހިތްގައިމު މާހައުލެއް ގާއިމް ކޮށްދިނުމުގެ މަގްސަދުގައި ހުޅުވާލި ފުރުސަތެއް ކަމަށެވެ.
ފުޑް ޓްރަކް ހިންގަން ހަވާލުކުރާނީ ވަކި ރޭޓަކަށް ކަނޑައަޅާފައިވާ ފީއެއްގެ ދަށުން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެއް ހުށަހެޅުމަށްވުރެ ގިނައިން ފުޑް ޓްރަކް ހިންގަން ހުށަހަޅައިފިނަމަ އެޗްޑީސީން ބަލާނީ އެ ކޯޕަރޭޝަންގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ހިދުމަތް ދެވޭނެ ބަޔަކު ކަނޑައެޅުމަށް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެގޮތުން ހުޅުމާލެ ފޭސް އެކެއްގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި ވެސް މި ފުޑް ޓްރަކްތައް ގާއިމް ކުރުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލާފައި ވެއެވެ.
ފުޑް ޓްރަކް އޮޕަރޭޓު ކުރުމަށް ހުޅުމާލެ ފޭސް އެކަކުން ކަނޑައަޅާފައިވާ ސަރަހައްދުތައް:
- ފެރީ ޓާމިނަލް
- އެސްޓީއޯ ހޮޓެލް ސަރަހައްދު
- ސެންޓްރަލް ޕާކް
- އެޗްޑީސީ, ހެޑް އޮފީސް
- ފަހިވެނި, ކޮމިއުނިޓީ ސެންޓަރު
- ފެހިރެސް ޕާކް
- ރެހެންދި ސްކޫލް
- ރުއްގަނޑު އެކެއް
- ރުއްގަނޑު ދޭއް
- ރެޑްބުލް ޕާކް
- ފުޓްބޯލް ސްޓޭޑިއަމް ސަރަހައްދު
- ވޯޓާ ތީމް ޕާކް
ފުޑް ޓްރަކް އޮޕަރޭޓު ކުރުމަށް ހުޅުމާލެ ފޭސް ދޭކުން ކަނޑައަޅާފައިވާ ސަރަހައްދުތައް:
- ސްޕޯޓްސް ޑިސްޓްރެކްޓް
- ފަރުކޮޅުފުށި
- ގްރޭންޑް މޮސްކު
- ކްރިކެޓް ސްޓޭޑިއަމް
- އާބަން އައިސިލް - އައިކޮނިކް ޓަވަރު
- ހިޔާ ޕާކް
- ނޮލެޖް ޕާކް
- ކާމިލް ދީދީ ޕްރައިމަރީ ސްކޫލް
އެޗްޑީސީން ބުނި ގޮތުގައި އެ ޓްރަކްތަކުން ހިދުމަތް ދޭން ޖެހެނީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.
އަދި, އެ ޓްރަކަކުން ފޯރުކޮށްދޭ ކާބޯތަކެއްޗަކީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭ އެއްޗެއްސަށް ވާން ޖެހެއެވެ. ޓްރަކްތައް އޮޕަރޭޓު ކުރަން ހާއްސަ ގައިޑްލައިނެއް ކަނޑައަޅާފައިވާއިރު އެ ގައިޑްލައިންތަކާ ހިލާފުވާ ޓްރަކްތައް 5,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓު މަހުގެ 06 ވަނަ ދުވަހުގެ ކުރިން އީއޯއައި ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.