ރާއްޖޭގެ އޮންލައިން ޕޯޓަލްތަކުގައި ވިއްކާ 'ފިރިހެނުންނަށް ހާއްސަ' މާމުޔެއްއި ބޭހުގެ މާއްދާއެއް ހިމެނޭތީ، ވިއްކާ ބޭނުން ކުރުން މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ވިއްކަމުންދާ މާމުޔެއްގައި ބޭހުގެ މާއްދާއެއް ކަމުގައިވާ Tadalafil އަދި Sildenafil ހިމެނޭ ކަަމަށް އެ އޮތޯރިޓީއަށް ފާހަގަ ވެފައިވާ ކަމަށެވެ.

މި އުފެއްދުންތަކަކީ ފުރޯޑު ކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން އެލާޓް ކޮށްފައިވާ އުފެއްދުން ތަކެކެވެ.

އެމްއެފްޑީއޭ އިން ބުނީ ޑޮކްޓްރީ ބޭސް އަޅާފައިހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް މި އުފެއްދުންތައް އިމްޕޯޓު ކުރުމާއި، ވިއްކުމާއި، ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

މި ބޭސް އެކުލެވޭ ކަމަށް ޔޫއެސް އެފްޑީއޭ އިން އެލާޓް ކޮށްފައިވާ މާމުއިގެ ތެރެއިން ރާއްޖެއަށް އެތެެރެކޮށް ބޭނުން ކުރަމުންދާ އުފެއްދުންތަކުގެ ލިސްޓެއް 2022 ވަނަ އަހަރުވެސް އެމްއެފްޑީއޭއިން ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި 8 ވައްތަރެއްގެ މާމުއި ހިމެނެއެވެ.