ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރާ ގޮތަށް، ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއިދު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގައި ބަންޑާރަނައިބަށް ނުހުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފެވެ.
މިއަދުގެ ޖަލްސާގައި މި އިސްލާހަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރެވޭނީ މި ގޮތަށް ގާނޫނަށް ގެނެވޭ އިސްލާހަކުން ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. ބަންޑާރަ ނައިބު އިންނެވުމަކީ ނުވަތަ ނީންނެވުމަކީ ބާ ކައުންސިލްގައި ކަންކަން ގޯސްކޮށް ހިނގާނެ ސަބަބެއް ކަމުގައި ވިސްނުމަކީ ގަބޫލު ކުރެވޭކަމެއް ނޫންކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ކަމެއް އިސްލާހު ކުރެވޭ ގޮތަކީ ހުރިހާ ބާރެއް ދޫކޮށްލުން ނޫންކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ދައުލަތް ހިންގުމުގައި ކަންކަން ހިނގާ ގޮތުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ އަށް ބަރާބަރަށް އަޕްޑޭޓް ވާން ޖެހޭނެ ކަމަށެވެ. ރައީސަކަށް ހުންނަވާ ބޭފުޅަކު ނުފޫޒު ފޯރުވަން ބޭނުންވާނަމަ ނުފޫޒު ފޯރުވާނެ ބައިވަރު ގޮތްތައް ހުންނާނެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އިސްލާހަށް ބޭނުން ވާނީ އިހުލާސްތެރި ނިޔަތެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިތުރަށް ގާސިމް ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ބަންޑާރަނައިބުގެ މައްޗަށް ވަކި ކަންތައްތަކެއް ކުރުމަށް ލާޒިމުކޮށްފައިވާއިރު އޭނާ ގަބޫލުކުރައްވާ ގޮތުގައި ގާނޫނުއަސާސީގެ ދަށުން މަތިކޮށްފައިވާ ޒިންމާ އެ މިންގަނޑަށް ފެތޭގޮތަށް ކުރަންޖެހޭނެކަމަށެވެ. މީގެ އިތުރުން ގާސިމް ވިދާޅުވީ ބިލުގައި ބަންޑާރަ ނައިބު އުނިކުރާ މާއްދާ ނޫން އެހެން ހުރިހާ ބަޔަކަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ.