އައްޑޫ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި، ކާނާ ވިހަވެގެން ހާލު ގޯސްވެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ވޯޑަށް ބަދަލުކުރި 2 ދަރިވަރުންވެސް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ކާނާ ވިހަވުމުގެ ސަބަބުން ޕޮލިސް ކޮލެޖްގައި ތަމްރީނު ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކަށް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.

ކާނާ ވިހަވުމާއި ގުޅިގެން މި ދަރިވަރުންނަށް އެމެޖެންސީގައި ފަރުވާދީފައިވާއިރު އެންމެ ފުރަތަމަ އައިސީޔޫގައި 5 ދަރިވަރުންނަށް ވަނީ ފަރުވާދީފައެވެ. މި ހުރިހާ ދަރިވަރުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އައްޑޫ ޓްރެއިނިން ސެންޓަރުގެ ކުދިން ފުޑް ޕޮއިޒަންވުމާއި ގުޅިގެން ގިނަ ބަޔަކު ކެފޭ/ ރެސްޓޯރެންޓުތަކުގެ ސާފުތާހިރުކަމާއި މެދު ވެސް ސުވާލު އުފައްދަމުން އަންނައިރު، އައްޑޫ ސިޓީގައި ހިންގާ މިފަދަ ތަންތަން ރަނގަޅަށް މޮނީޓާކޮށް ނުބެލެހެއްޓޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިފަދަ ތަންތަން ޗެކްކޮށް ބެލެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ، މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ކުރިން ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.