ބަންގްލަދޭޝްގައި ތިބި ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝަގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

އެގޮތުން، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި، އާއިލާތަކާއި، އެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް ގުޅައި، ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި، މި ވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނާ ހަވާލާދީ ފޮރިން މިނިސްޓްރީއިން ބުނެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ 2 ދަރިވަރަކު، އެ ސްކޫލްތައް ބަންދުކުރުމުން، އެނބުރި ރާއްޖެ އަންނަން ގަސްތުކުރާކަން އަންގާފައިވާ ކަމަށެވެ. އަދި އެ 2 ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރު ހުރަސްކުރުމުގައި ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަން ފޯރޮކޮށްދީފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މި ވަގުތު ބަންގްލަދޭޝްގައި ކާފިއު އިއުލާން ކޮށްފައިވާތީ ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް (880 1329 748 885+ / 880 1708 120 318+) ފޮރިން މިނިސްޓްރީއިން ވަނީ އެދިފައެވެ.