ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބީ, ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެކަން ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ ހުކުރުދުވަހު އެކޯޓުން ނެރުމުގެ އަމުރުގައި ބުނީ, ފަލަސްތީނުގެ ބިންތަކަށް ވެރިވެ, ގަދަކަމުން އެތަންތާނގައި ދެމިތިބުމުގެ އެއްވެސް ހައްގެއް އިޒްރޭލަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ބިންތަކުގައި ދެމި ތިބުމަށް, ގައުމުތަކުން އިޒްރޭލަށް އެހީ ވެގެން ނުވާނެ ކަމަށާއި އެއީ އެ ގައުމުތަކުގެ މައްޗަށް ވެސް ލާޒިމުވާނެ ކަމެއް ކަމަށެވެ.
އެ އަމުރާ ކުށްވެރިކޮށް އިޒްރޭލުން ބަޔާން ނެރެފައިވާ އިރު, އިޒްރޭލުގެ ބައިވެރިޔާ އެމެރިކާއިން ވެސް ވަނީ އެ އަމުރު ނެރުމުން ފާޑުކިޔާފައެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އަމުރާ ގުޅިގެން އެކި ގައުމުތަކުން ދަނީ އެ އަމުރަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ.
އެ ގޮތުން އޮސްޓްރޭލިއާއިން ބުނެފައި ވަނީ, ބައިނަލްއަގުވާމީ ކޯޓުގެ އަމުރަށް ފުރިހަމައަށް ތަބާވާ ކަމަށާއި އިޒްރެކުންވެސް އެ އަމުރަށް ތަބާވެ ބިންތައް ހިފާ އާބާދީތައް އިތުރު ކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
ބެލްޖިއަމް އިން ބުނެފައި ވަނީ, އެ ގައުމު ދެމި އޮންނާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބާނެ ކަމަށެވެ.
ބްރެޒިލް އިން ބުނެފައި ވަނީ, އެގައުމުން ތާއީދު ކުރަނީ ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމު ކުރެވި, އިޒްރޭލު ދައުލާތާ އެކު ދެބައިމީހުން އެކުއެކުގައި ކުރިއަށް ދެވޭނެ މާހައުލު ފަހިވުމަށް ކަމަށެވެ.
ބޮލީވީއާއިން ބުނެފައި ވަނީ އިޒްރޭލުން ގާޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ޖަރީމާތައް ހުއްޓުވުމަށް އދ ގެ ގައުމުތަކުން މަސައްކަތް ކުރުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއެކު ދިރިއުޅެވޭނެކަން ޔަގީން ކޮށްދޭން ޖެހޭނެ ކަމަށެވެ.
މިސްރުންވެސް ވަނީ އިޒްރޭލުގެ އާބާދީތައް ފުޅާ ކުރުމަށް ހިންގާ އުދުވާން ހުއްޓާލުމަށް ގޮވާލާފައެވެ.
އުދުވާނުތައް ހުއްޓާލުމަށް ބާރުއަޅާ ދުނިޔޭގެ އެތައް ގައުމަކުން އިޒްރޭލަށް ގޮވާލަމުން ދިޔަ ނަމަވެސް އިޒްރޭލުން ގެންދަނީ, އާ ސަރަހައްދުތައް އަތް ދަށުލައި އާބާދީތައް އިތުރުކޮށް ފުޅާކުރާނެ ގޮތުގެ ޕްލޭންތައް ހަދާ, އެތަންތާނގައި ވަޒަންވެރިވާނެ ފަރާތްތައް ހޯދަން އިއުލާން ކުރަމުންނެވެ.
އިޒްރޭލުން ގާޒާއަށް އަރާ ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40 ހާހަށް އަރާފައެވެ.