އިއްޔެ ފަސް ދާއިރާއަކަށް ކައުންސިލް މެންބަރުން އައްޔަން ކުރުމަށް ބޭއްވި އިންތިހާބުގައި ވޯޓުލާފައި ވަނީ މަދު ބައެއް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިއްޔެ، މާލެސިޓީ ކައުންސިލުގެ ތިން ގޮޑިއާއި، ކުޅުދުއްފުށިީ ސިޓީ ކައުންސިލުގެ ގޮނޑިއެއްގެ އިތުރުން ބިލެތްދޫ ކައުންސިލުގެ ބައި އިލެކްޝަން ބާއްވާފައިވާއިރު މި ދާއިރާތަކުގެ ގޮނޑިތަކަށް ވާދަކޮށް އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. ރިޔާސީ އިންތިހާބާ، މަޖިލީސް އިންތިހާބަށްފަހު ބޭއްވި ކައުންސިލް ބައި އިލެކްޝަންގެ އެންމެ ގޮނޑިއެއްވެސް އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ނުވާއިރު، ގިނަ ބަޔަކު ވަނީ ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތާ މެދު މާޔޫސް ވާންވީ ސަބަބެއް ނެތްކަމަށެވެ. ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޕާޓީއަށް އޮތީ ކާމިޔާބު ދުވަސްތަކެއްކަން ފާހަގަ ކުރައްވައި ފައްޔާޒު ވަނީ ކައުންސިލް ބައިއިލެކްޝަން ތަކުގައި ވާދަކުރި އެޕާޓީގެ ކެންޑިޑޭޓުން ކުރި ހިތްވަރާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ބައި އިލެކްޝަންގައި ވޯޓުލީ މަދު ބައެއްކަމަށް ފައްޔާޒު ވިދާޅުވެފައި ވާއިރު، އިލެކްޝަން ކޮމިޝަނުން ބުނީ ބައި-އިލެކްޝަންގައި ވޯޓުލާފައި ވަނީ އެންމެ 26 ޕަސެންޓް މީހުން ކަމަށެވެ.