ރަސްމީ ދަތުރެއްގައި ތިން މިނިސްޓަރަކު މާދަމާ ޗައިނާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

މި ދަތުރުގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބްއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިއީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ 4 ދުވަހުގެ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި މިނިސްޓަރު ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރުގެ އިތުރުން ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ. އަދި މީގެކުރިން ރާއްޖޭގައި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާއެކު މިނިސްޓަރު ޒަމީރު މަޝްވަރާ ކުރެއްވުމަށް ވެސް ހަޖެހިފައިވެއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވަނީ މި މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން އޮޅުންފިލުއްވައި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެއްވެންހުރި ކަންކަމާއި ގުޅޭގޮތުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.