ދުނިޔޭގެ އައިޓީ ސިސްޓަމްއަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އޮޕަރޭޝަންސް ތަކަށް ބުރޫ އަރައިފާނެ ކަމަށް ލަފާކޮށްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ ދުނިޔޭގެ އައިޓީ ސިސްޓަމްއަށް ކުރިމަތިވެފައިވާ މައްސަލައާ ގުޅިގެން ޗެކިންވުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

ބައެއް ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އައިޓީ ސިސްޓަމްތަކަށް މި މައްސަލަ ދިމާވެފައިވާ ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވީ ނަމަވެސް މިއީ މައިކްރޯސޮފްޓް ވިންޑޯސްއާ ގުޅިފައިވާ މައްސަަލައެއް ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އައިޓީ ސިސްޓަމްއަށް ދިމާވި މައްސަލަތަކާ ގުޅިގެން ގިނަ އެއާލަންތަކަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އޮސްޓްރޭލިއާ، އިންޑިއާ އަދި އެމެރިކާގެ އެއާލައިންތަކަށް ވަނީ މިކަމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

އެއާލައިންތަކުގެ އިތުރުން ބޭންކްގެ ހިދުމަތްތަކަށް ވެސް، މި މައްސަލައިގެ ސަބަބުން ވަނީ ބުރޫއަރާފައެވެ. އަދި ބައެއް ގައުމުތަކުގެ ވިޔަފާރިތަކާއި ސިއްހީ ހިދުމަތަށް ވެސް މި ކަމުގެ ސަބަބުން ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ.