ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް، ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ރޭ ނެރުނު ބަޔާނެއްގައި ސަރުކާރުން ވަނީ، ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނުންދޭ އިރުޝާދުތަކަށާއި، ބަންގްލަދޭޝްގެ ސަރުކާރުން އިރުޝާދުދީފައިވާ ގޮތަށް އަމަލުކުރުމަށް، އެ ގައުމުގައި ދިރިއުޅޭ ދިވެހީންނަށާއި އެ ގައުމަށް ދަތުރުކުރާ ދިވެހީންނަށް އިލްތިމާސްކޮށްފައެވެ.

ސަރުކާރުން ވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހީންނާއި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ، އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ގުޅައިގެން (8801329748885+ / 8801708120318+)، ނުވަތަ އީމެއިލް މެދުވެރިކޮށް އެހީތެރިކަން ހޯދުމަށް އެދިފައެވެ.

ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި އެ ގައުމުގެ ދަރިވަރުން އިހްތިޖާޖުކުރަމުން ދަނީ 1971 ވަނަ އަހަރު ޕާކިސްތާނުގެ އަތް ދަށުން އެ ގައުމު މިނިވަންކުރުމަށްޓަކައި ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމުމާ ގުޅިގެންނެވެ.

ބޭރުގެ ބައެއް ރިޕޯޓުތަކުގައިވާ ގޮތުން، ބަންގްލަދޭޝްގައި މިހާރު ކުރަމުންދާ އިހްތިޖާޖުގައި އިއްޔެގެ ނިޔަލަށް 13 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ތިން ދަރިވަރަކާއި ބަސް ދުއްވާ މީހަކު ހިމެނޭ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އިހްތިޖާޖުތަކާ ގުޅިގެން އިންޓަނެޓުގެ ބައެއް ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލައިފައެވެ.