އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ރާއްޖެއިން ބޭރުގައި ތިބި ބޭރުގެ މުހިންމު ހެކިވެރިންތަކެއްގެ ހެކިބަސް ނެގުން މިއަދުވެސް ކިރިއަށް ނުގެންދެވި އަޑުއެހުން ނިންމާލަން ޖެހިއްޖެއެވެ،

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ތިން ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ތާވާލުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގައި ތިބި ބޭރުގެ ދެ ޑޮކްޓަރުންނާ އަދި ރާއްޖޭގައި ދިރިއުޅޭ ޕިލިޕީންސްގެ ރައްޔިތެކެވެ. މިއަދުގެ އަޑުއެހުން ފަށަމުން، ދައުލަތުން ބުނީ އިންޑިއާގެ ދެ ހެކިވެރިން އެމްބަސީއަށް ހާޒިރުކުރުމުގެ ކުރިން ގާނޫނީ ގޮތުން ސާފުކުރަން ބޭނުންވާ ކަންތައްތަކެއް ހުރި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އިންޑިއާގައި ތިބި ބޭރުގެ ދެ ޑޮކްޓަރުންގެ ހެކިބަސް ނެގުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން، ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ވަކީލުގެ ފަރާތުން ފުރުސަތަކަށް އެދިވަޑައިގެން ވިދާޅުވީ އެ މައްސަލާގައި ހުށަހަޅާފައިވާ ބޭރު ޑޮކްޓަރުންގެ ހެކިބަސް ނެގުން ލަސްވަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ ދެ ޑޮކްޓަރުންނަކީ ހަމައެކަނި ދައުލަތުގެ ހެކިވެރިން ނޫން ކަމަށާ އެއީ ދިފާއުން ހުށަހަޅާފައިވާ ހެކިވެރިންގެ ތެރޭގައި ވެސް ހިމެނޭ ހެކިވެރިންތަކެއް ކަމަށް ލަމްހާގެ ވަކީލު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ލަމްހާގެ ވަކީލު ވަނީ އެމްބަސީން ލިބެން ޖެހޭ ހުއްދަތަކެއް ނުލިބިގެން، މޭރީގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުންގެ ހެކިބަސް ނެގުން ވެސް މަޑުޖެހިފައި އޮތްކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ. އެހެންކަމުން ފޮރިން މިނިސްޓްރީން ސާފުކުރަން ބޭނުންވާ ގާނޫނީ ކަންކަމަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާ ކޯޓަށް އެއްބާރުލުން ދިނުމަށް ކޯޓުން އެންގުމަށް ލަމްހާގެ ވަކީލު ވަނީ އެދިފައެވެ.

ލަމްހާގެ ވަކީލުގެ ކަންބޮޑުވުންތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ކުރިމަތިވެގެން އުޅޭ ދައްޗަކީ ހެކިވެރިންގެ އެއްބާރުލުން ނުދިނުން ނޫން ކަމަށެވެ. އަދި ހެކިބަސް ދޭން އެ ދެ ހެކިވެރިން ވެސް ތިބީ ތައްޔާރަށްކަން ފާހަގަކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ ފޮރިން މިނިސްޓްރީން ސާފުކުރަން ބޭނުންވާ ގާނޫނީ ކަންކަމުގެ ތަފްސީލެއް ނުދޭކަމަށާއި ހެކިވެރިންންނަށް ހެކިބަސް ދެވޭނީ އެމްބަސީއަށް ވަދެވިގެންކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ، ހެކިބަސް ނެގުމުގެ އަމުރު ކޯޓުން ފޮނުވާފައިވާ ކަމަށާއި ފޮރިން މިނިސްޓްރީން ސާފުކުރަން ޖެހޭ ކަންކަމުގެ މައްސަލާގައި ކޯޓަށް ހޯދައިދެވޭނެ ހައްލެއް ނެތްކަމަށެވެ. އަދި އެ ތަނުގެ އުސޫލުތަކަށް އިހުތިރާމުކުރަން ޖެހޭނެކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ އޭގެ ތެރޭގައި އިތުރު ކޯޓު އަމުރެއް ނެރެންޖެހޭ ނަމަ، އެކަން ކުރައްވާނެ ކަމަށެވެ. އަދި މިވަގުތަށް އެފަދަ އަމުރެއް ނެރެން ޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި ތަކުރާރުކޮށް ހެކިބަސް ނެގުން ކުރިއަށް ގެންދެވޭ ގޮތް ނުވާ ނަމަ، އެ ހެކިވެރިންގެ ހެކިބަސް ނުނަގާ ގޮތެއް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ކުރިން ރާއްޖެއިން ބޭރުގައި ތިބޭ ހެކިވެރިންގެ ހެކިބަސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރާއްޖޭގެ އެމްބަސީއަކަށް ހާޒިރުކޮށްގެން ނެގުނަސް، މިހާރު އޮންނަ އުސޫލުގެ ދަށުން އެމްބަސީ އަށް ހާޒިރު ކުރުމުގެ ކުރިން އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ ހޯދަންޖެހެއެވެ.