ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މެޗެއް ކުރިއަށް ދަނިކޮށް ކުޅިބަލާ މީހަކު ދަނޑަށް އަރައި ރެފްރީ އަށް ހަމަލާދިން މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެރޭ ކުޅުނު މެޗުގައި ރެފްރީއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން 34 އަހަރުގެ ފިރިހަނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުން މާލެގަން ސްޕޯޓްސް ކްލަބާ، ސައުތު ސައިޑް ސްޕޯޓްސް ކްލަބް (މާދަޑު) ޓީމު ކުޅުނު ސެމީ ފައިނަލް މެޗުގައި ގޯލު އޭރިއާގެ ކައިރިން ކުޅުންތެރިއަކަށް އަނިޔާވެގެން މެޗު ހުއްޓާލުމަށްފަހު ރެފްރީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނެއެވެ. އަދި ރެފްރީގެ ފަހަތުން ކުޅި ބަލަންހުރި މީހަކު ދުވެފައި އިއިސް ފުންމައިގެން އަރައި ރެފްރީގެ ބުރަކަށީގައި ކޮޅުފައިން ޖަހާ މަންޒަރު ފެނެއެވެ.
މި ކުއްލި ހަމަލާއާއި އެކު ރެފްރީ ކަހާލައިގެން ގޮސް އެހެން ކުޅުންތެރިއެއްގެ ގައިގައި ޖެހޭއިރު އެ ކުޅުންތެރިޔާ ބޮލުގައި އަތްއަޅައިގެން އޮންނަ މަންޒަރުވެސް ފެނެއެވެ.