ފެނަކަ ކޯޕަރޭޝަން އިން ހިންގާފައިވާ ކޮރަޕްޝަންގެ ތެރެއިން 60 މަޝްރޫއެއް ނުނިންމައި އެ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓް ހުސްކޮށްލުމަށްފަހު އެ ފައިސާތަކުން މުއްސަނދިވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފެނަކައިން ކުރިއަށް ގެންދިޔަ 60 މަޝްރޫއުއެއް ނުނިންމައި، ބަޖެޓް ހުސްކޮށްލި ކަމަށް ތުހުމަތުވާ މައްސަލަ ވަރަށް ތަފްސީލުކޮށް ބަލަމުން އަންނަ ކަމަށެވެ. އެ މަޝްރޫއުތަކަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އިން-ހައުސްކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކެވެ.
މީގެ ތެރެއިން ނިމިފައި ވަނީ އެންމެ 14 މަޝްރޫއު ކަމަށާއި ބާކީ ހުރި މަޝްރޫއުތައް ނުނިމެނީސް ބަޖެޓް ހުސްވެފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ފެނަކައަށް ތުހުމަތުކުރެވޭ ކޮރަޕްޝަންތަކާ ގުޅިގެން ތަހުގީގަށް މިހާތަނަށް ހޯދުންތަކެއް ހޯދިފައިވާ ކަމަށާއި މި މައްސަލަތަކުގައި ޝައްކު ކުރެވޭ މީހުން ވެސް އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލައިގެ ތަހުގީގުގައި އޭސީސީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ތުހުމަތުވާ މީހުންގެ ބޭންކް ޓްރާންސްސެކްޝަންތައް ދިރާސާކުރުމެވެ. ޓްރާންސެކްޝަންތައް ދިރާސާކޮށް ނިމުމުން، ނުހައްގު މުއްސަނދިކަން ލިބިފައި އޮތް ގޮތާއި ލިބިގަނެފައިވާ މުއްސަނދިކަން ދެނެގަނެވޭނެ ކަމަށް ޝާމިލް ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ޝައްކު ކުރެވޭ މީހުންގެ މައްޗަށް ޖުމްލަ ފަސް ކުށެއްގެ ތުހުމަތާ އެކުގައި ކަމަށް ޝާމިލް ވިދާޅުވިއެވެ. އެއީ، މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައި ދިނުމާއި ހިޔާނާތާއި ރިޝްވަތު އަދި ނުހައްގު މުއްސަނދިކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އޭސީސީން ބުނެފައި ވަނީ ފެނަކަ ކޯޕަރޭޝަންއާ ގުޅިގެން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަތައް ގިނަ ކަމުން އެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ. އެ މައްސަލަތަކުގެ ތެރޭގައި މިދިޔަ ސަރުކާރުގެ ވެރިކަމުގައި ފެނަކައިގެ އިސް ވެރިންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ 6 މައްސަލައެއް ވެސް އޮތް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.