ދިވެހިރާއްޖޭގެ ކަންކަން ހަމަމަގަށް އަޅުވާ ރަނގަޅު ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް މުހިންމު ބޭފުޅެއްކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގަތުމަކީ ހިޔާލަށް ވެސް ގެނެސްފައިވާ ކަމެއް ނޫންކަމަށެވެ. އިތުރަށް ފައްޔާޒު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީ ސިފަވެފައި އޮންނަނީ 'ރައީސް ނަޝީދު' ގެ ގޮތުގައި ކަމަށާއި ނަޝީދަކީ އަނިޔާވެރި ވެރިކަމެއް ނައްތާލުމަށް މަސައްކަތް ކުރެއްވި ލީޑަރެއް ކަމަށެވެ.

ރާއްޖޭގެ ކަންކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް އަދިވެސް ނަޝީދު އަކީ މުހިއްމު ބޭފުޅެއްކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ނަޝީދު އާއި ޑިމޮކްރެޓްސްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން، އެމްޑީޕީގައި ކުރެއްވި މަސައްކަތުން ގައުމަށް ހެޔޮ ބަދަލެއް އައިސްފައި ވާކަމަށެވެ. އަދި ނަޝީދު އަކީ އަބަދުވެސް ވަރަށް އިހްތިރާމް ކުރާ ގާތް ބޭފުޅެއްކަމަށާ އެމަނިކުފާނާ އެއްވެސް ރުޅިވެރިކަމެއް ނޯންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ގައުމުގެ ހާލަތާ ގައުމުގެ ކުރިމަގާމެދު އޮތް ކަންބޮޑުވުންތަކުގެ ވާހަކަ ނުރަސްމީކޮށް އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެދުގައި، ދެކެވޭކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އެކުގައި ކުރެވޭނެ ކަންކަން މަޝްވަރާ ކުރެއްވި ނަމަވެސް، އަދި ރަސްމީކޮށް މަޝްވަރާ ކުރުމާ ހަމައަށް ނުދާކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ މިނިވަން ރައްޔިތަކު އުޅޭތަނެއްގެ ގޮތުގައި ހިފެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ދެ ޕާޓީން އެކުގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު އެދުމެއްކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒުވަނީ ދެޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް، މުސްތަގުބަލުގައި ފެންނަނީ ދެޕާޓީ އެކުގައި މަސައްކަތް ކުރާތަން ކަމަށެވެ.