ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެސްކްރޯ އެކައުންޓްގައި ހުރި 1 މިލިއަން ޑޮލަރުގެ މައްސަލައިގައި ބޭންކުން ޔާމީނާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ފަށަން ތާވަލުކޮށްފިއެވެ.
މިއީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އޭސީސީއާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ މިއަދު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލައިގައި ހައިކޯޓުން މިދިޔަ މެއި މަހު ވަނީ ޔާމީނާ ދެކޮޅަށް އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރެފައި އެއީ 1 މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލައިގައި ބީއެމްއެލުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން އޭރު ނިންމާފައި ވަނީ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ޖަވާބުދާރީ ވާން ޖެހޭތޯ އުފެދުނު ސުވާލާއެކު ބޭންކުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިިދޔަ ފެބްރުއަރީ މަހުގައެވެ.
ނަމަވެސް އިތުރު އަޑުއެހުމެއް ނުބާއްވާ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އަމުރު ކުރީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން، ސިވިލް ކޯޓުގައި އެއްވެސް ކަމެއް އެ މައްސަލައާ ގުޅިގެން ނުކުރުމަށެވެ.